ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއަރ ޕްލަސް އޮޕަރޭޝަންގައި ބައިވެރިވެ، ދިވެހި ފުލުހުންގެ ޚިދުމަތުން މުހިންމު ކާމިޔާބީތަކެއް ހޯދައިފިއެވެ.
މި އޮޕަރޭޝރޭޝަނަކީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް 28 އިން މެއި 28 އަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަންގައި 7 ގައުމަކުން ބައިވެރިވެ، އިންޓަރނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކޮށްފައިވެއެވެ.
ފްރޮންޓިއަރ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގ، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ދިވެހިރާއްޖެ ހިމެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންނގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމެވެ.
ފްރޮންޓިއަރ ޕްލަސް އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވެއެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށްވާއިރު، މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ.
މި އޮޕަރޭޝަނުން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައެވެ. އަދި ކުރިއަށްއޮތް ތަނގުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.
ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި ފްރޮންޓިއަރ ޕްލަސް ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ.

