އައިލެންޑް އޭވިއޭޝަން ކުންފުނިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުން ހޯދާ އާމްދަނީ އިތުރުވެފައިވާކަމަށް އޮޑިޓުން ދައްކައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ 2024 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓު ރިޕޯޓުން ދައްކާގޮތުން 2023 ވަނަ އަހަރު ނިމުނުއިރު އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ އެކި އެކި ހިދުމަތްތަކުން ހޯދާފައިވާ ޖުމުލަ އާމްދަނީއަކީ 2.11 ބިލިއަން ރުފިޔާއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ތެރޭގައި މިގޮތުން ހޯދާ އާމްދަނީ އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.
އެ ކުންފުނިން ޑޮމެސްޓިކް ފަސިންޖަރުންނަށް ދޭ ހިދުމަތްތައް މެދުވެރިކޮށް 1.33 ބިލިއަން 2023 ވަނަ އަހަރު ހޯދާފައިވާއިރު 2024 ވަނަ އަހަރު މިގޮތުން ލިބިފައިވަނީ 1.32 ބިިލިއަންކަން ފާހަގަކުރެވެއެވެ. އަދި ރީޖަނަލް ފަސިންޖާރ ހިދުމަތްތަކުން 319.63 މިލިއަން ރުފިޔާ 2023 ވަނަ އަހަރު ލިބިފައިވާއިރު 2024 ވަނަ އަހަރު ލިބިފައިވަނީ 316.87 މިލިއަންކަން ފެނިގެންދެއެވެ.
ކޮމާޝަލް ނަޒަރިއްޔާއިން މުހިންމު ފަސިންޖަރުންގެ ގޮތުގައި ކަނޑައެޅިފައިވާ ކެޓަގަރީގެ ދަށުން 2023 ވަނަ އަހަރުގެ ތެރޭގައި 59.58 މިލިއަން ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރުގައި މިގޮތުން ލިބިފައިވަނީ 62.11 މިލިއަން ރުފިޔާއެވެ. ގްރައުންޑް ހެންޑްލިންގ މަސައްކަތްތަކުގެ އާމްދަނީވެސް 2024 ވަނަ އަހަރު އިތުރުވެފައިވެއެވެ. މިގޮތުން 2023 ވަނަ އަހަރު ލިބިފައިވަނީ 122.92 މިލިއަން ނަމަވެސް 2024 ވަނަ އަހަރު މި ހިދުމަތްތަކުން 151.15 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.
ކާގޯ ހެންޑްލިންގް މަސައްކަތްތަކުން ހޯދާފައިވާ އާމްދަނީވެސް 2024 ވަނަ އަހަރުގައި އިތުރުކަން ރިޕޯޓުން ފެނިގެންދެއެވެ. މިގޮތުން އެ އަހަރު 31.05 މިލިއަން ލިބުނުއިރު 2023 ވަނަ އަހަރު ނިމުނުއިރު ލިބިފައިވަނީ 29.99 މިލިއަނެވެ. ސީޕްލޭން ހިދުމަތްތަކުން ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. މިގޮތުން 2023 ވަނަ އަހަރު ހޯދިފައިވަނީ 250.97 މިލިއަން ކަމަށްވާއިރު 2024 ވަނަ އަހަރުގެ ތެރޭގައި 298.40 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

