މޫސުމީ ޖޮންޖެހުންތައް އަރައިގަތުމަށްޓަކައި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރާއިރު އެކަމުގެ ދަތިތައް އެންމެ ބޮޑަށް ކުރިމަތިވާ ފަރާތްތަކުގެ ޝާމިލުވުން ހިމެނޭކަން ކަށަވަރުކުރުމަށްޓަކައި ނިޒާމެއް އެކުލަވާލަން އޮޑިޓާރ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފިއެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ކްލައިމެޓް ސްކޭނާރ އެސެސްމެންޓް އޮން ގަވަރނެންސް ރިޕޯޓުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ދަތިތައް ދިމާވެގެންދާ ރާއްޖޭގެ ސަރަހައްދުތަކާއި އެންވައިރަމެންޓް މިނިސްޓްރީ ދެމެދު މުއާމަލާތްތައް ކުރެވިގެންދާ މިންވަރުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ރިޕޯޓުގައިވާގޮތުން މުސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކަންކަން ރާވާ އިންތިޒާމުކުރުމުގައި އެންމެ ބޮޑަށް ދަތިތައް ކުރިމަތިވާ ފަރާތްތަކުގެ ޝާމިލުވުން އޮތްކަމަށް މިނިސްޓްރީން ބުނާކަމަށެވެ. ނަމަވެސް އެފަދަ ނަޒަރަކުން މިނިވަން އެ ގުރޫޕުތަކުގެ މިނިވަން ރިވިއުތަކެއް ނުހަދާކަމަށް ބުނެފައިވެއެވެ.
ރަނގަޅު މިންވަރަށް އެސެސްމެންޓުތައް ނުހެދިދާ ސަބަބުތަކުގެ ތެރޭގައި ވަސީލަތްތައް ނެތުމުގެ ދަތިކަން ހިމެނުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވާއިރު އެކަމުގެ ސަބަބުން އެންމެ ބޮޑަށް ޖޮންޖެހުންތައް ކުރިމަތިވެފައިވާ ފަރާތްތަކާއި ގުޅޭ މައުލޫމާތު އެއްކުރެވިގެންދާ މިންވަރު ކުޑަވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން މޫސުމީ ގޮންޖެހުންތަކަށް ހާއްސަކޮށްގެން ގާތުން ރިވިއުތަކެއް ކުރުމުން އެފަދަ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ފަހި މާހައުލެއް ގާއިމުކުރެވިގެންދާނެކަމަށާއި މޫސުމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލާއިރު އެއްވެސް ބަޔަކު ބާކީވެގެން ނުދާ ގޮތަކަށް ފަރުމާކުރުމަށް ފަހިވެގެންދާކަމަށެވެ.
އޮޑިޓުން ބުނާގޮތުން މޫސުމީ ބަދަލުތަކާއި ގުޅޭ ނިންމުންތައް ނިންމާއިރު އެންމެ ބޮޑަށް އެކަމުގެ އަސަރުކުރާ ފަރާތްތަކުގެ ޝާމިލުވުން އޮންނަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ނިޒާމެއް ގާއިމުކުރެވިފައިނުވާކަމަށެވެ. އަދި އެންވައިރަމެންޓު މިނިސްޓްރީން ބަރޯސާވަނީ އެކި ސަރަހައްދުތަކުގެ މައުލޫމާތުތައް އެއްކޮށްގެން އެކުލަވާލާ ރިޕޯޓުތަކުގެ މައްޗަށްކަމަށްވާއިރު އާންމުކޮށް މުއާމަލާތްތައްވެސް ކުރެވިގެންދަނީ ދިމާވާ ކަމަކަށް ރިއާޔަތްކޮށްކަމަށެވެ. އެހެންކަމުން އޮނިގަނޑެއް އެކުލަވާލައި އެންމެ ބޮޑަށް ދަތިތައް ކުރިމަތިވާ ފަރާތްތަކާއި ދެމެދު މެދުނުކެނޑި މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރެވުމުން ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރާއިރު އެފަރާތްތަކުގެ ބަސް ހިމެނިގެންދާކަން ކަށަވަރުކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.
އޮޑިޓުންވަނީ މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި އެންމެ ބޮޑަށް ދަތިތައް ކުރިމަތިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ އުސޫލު ހަރުދަނާކުރުމަށާއި ނިންމުންތައް ނިންމާއިރު އެފަރާތްތަކުގެ ޝާމިލުވުން އޮންނަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ނިޒާމެއް ގާއިމުކުރުމަށް އިރުޝާދު ދީފައެވެ.

