ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ފަނޑިޔާރުންނަށް އިނާޔަތެއްގެ ގޮތުގައި ސެކިއުރިޓީއާއި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ހަމަޖައްސައިދިނުމާ ގުޅޭގޮތުން ލަފައަކަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދަށް އިސްލާހުތަކެއް ގެނައުމާ ގުޅޭގޮތުން ޖޭއެސްސީން ވަނީ ލަފައަކަށް އެދިފައެވެ. އަދި މިފަދަ އިނާޔަތްތަކަކީ މާލިއްޔަތު ކޮމިޓީގެ ބެލުމުގެ ދަށުން ނިންމަންޖެހޭ ކަންކަން ކަމަށް ފާހަގަކުރެއްވިއެވެ.
ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި، ފަނޑިޔާރަކު ރިޓަޔަރކުރާއިރު އިނާޔަތްތައް ހިސާބުކުރަންވާނީ އެއިރެއްގައި ލިބެމުންދާ އަސާސީ މުސާރައިން ކަމަށް ހަމަޖެއްސުމާއި، މަހުން މަހަށް ދެވޭ އިނާޔަތްތައް ހަމަޖެއްސުމުގައި ޚިދުމަތުގެ މުއްދަތަށް ރިއާޔަތްކުރުން ހިމެނެއެވެ. އަދި އިނާޔަތުގެ ޖުމްލަ އަދަދު އަސާސީ މުސާރައަށްވުރެ ބޮޑުވާނަމަ، އިނާޔަތުގެ ގޮތުގައި ލިބޭނީ އަސާސީ މުސާރައިގެ މިންވަރު ކަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން، ލިވިންގ އެލަވަންސަކީ އެހެނިހެން އިނާޔަތްތަކުގެ ތެރެއިން ދެވޭ އެލަވަންސަކަށްވާތީ، މަހުން މަހަށް ދޭ އިނާޔަތް ހިސާބުކުރުމުގައި އެ އަދަދު ނުހިމެނުމަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ފަނޑިޔާރުންނަށް ސެކިއުރިޓީއާއި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް އެފަރާތެއް ދިރިއުޅޭ ރަށުގައި ލިބޭނެގޮތް ހަމަޖެއްސުމަށްވެސް ވަނީ ހުށަހަޅާފައެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުތައް ގެނައުމަށް ޖޭއެސްސީން މިވަގުތު މަސައްކަތްކުރަމުންދަނީ އުއްތަމަ ފަނޑިޔާރުގެ ރިޓަޔަރމަންޓް ގާތްވެފައިވާތީއެވެ. އަދި މި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރަމުންދާއިރު، ރިޓަޔަރމަންޓް މުއްދަތު ގުނާނީ ހަމައެކަނި ފަނޑިޔާރުކަމުގެ މުއްދަތުންތޯ ނުވަތا ދައުލަތަށް ޚިދުމަތްކުރި މުޅި މުއްދަތުންތޯ ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އެމެންބަރު ވިދާޅުވިއެވެ.

