”ޓެކާސް ދިރާގު ރިސޯޓު ކަޕް“ ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް މިއަދު ފަށައިފި އެވެ.
މި މުބާރާތް ކުރިޔަށް ގެންދަނީ ކްރޮސް ރޯޑްސް މޯލްޑިވްސްގެ ދި މެރީނާގައެވެ. އެގޮތުން، މި މުބާރާތަކީ ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީއިން ރިސޯޓުތަކަށް ހާއްސަކޮށްގެން އިންތިޒާމްކޮށްގެން އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމަށްވާއިރު، މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި ވާދަކުރާ ޓީމްތައް ބަހާލެވިފައިވަނީ 2 ގްރޫޕަކަށެވެ. އެގޮތުން، ގްރޫޕު އޭގައި ވާދަކުރަނީ، މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް އާއި އެސްއޯ/ މޯލްޑިވްސް އާއި ސަން ސިޔާމް އޮޅުވެލިގެ އިތުރުން ވެލައްސަރު މޯލްޑިވްސް އަދި އެނބޫދޫ ވިލެޖްގެ ޓީމެވެ.
ގްރޫޕް ބީގައި ވާދަކުރުމަށް ހަމަޖެހިފައިވާ ޓިމުތަކަކީ، ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓާއި އޮޒެން ލައިފް މާދޫ އާއި ސައި ލެގޫން މޯލްޑިވްސްގެ އިތުރުން ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ ޓީމެވެ.
ދިރާގަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން ކޮމްޕެނީއެވެ. މި ކުންފުނިން ކުޅިވަރާި އިޖްތިމާއި ހަރަކާތްތައް ކުރިއެރުވުމަށް ތަފާތު އެކި އިވެންޓުތަކާއި ޕްރޮގުރާމްތަކުގައި ބައިވެރިވެ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

