ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލައިގެ މިއަދު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.
އަނަސްގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރިއިރު، ދައުވާ ލިބޭ ފަރާތްތަކުގެ ތެރެއިން ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ވަނީ އުފުލާފައެވެ.
މީގެއިތުރުން، މި މައްސަލައިގައި ދައުވާކުރި މީހުންގެ ތެރެއިން ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލާފައެވެ.
މި އިސްތިއުނާފަކީ، މި މައްސަލައާ ގުޅޭ އިސްތިއުނާފެއް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ދެވަނަ ފަހަރެވެ. އެގޮތުން މި މައްސަލައިގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން ދައުލަތުން އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނު ނަމަވެސް ހައިކޯޓުން ނިންމީ އެމީހުން ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އެހެންވެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.
އެފަހަރު ސުޕްރީމް ކޯޓުން އެންގީ އެ ކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށެވެ. އެގޮތަށް އަންގައި މައްސަލަ ހައިކޯޓަށް އަނބުރާ ފޮނުވާލީއެވެ.
ހައިކޯޓުގައި އަނެއްކާވެސް ބަންދާ ގުޅޭ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހު ހައިކޯޓުން އަނެއްކާވެސް ނިންމީ އެމީހުން ބަންދުކުރަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އެހެންވެ ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.
މި މައްސަލައިގައި ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަށް ހުށަހަޅުއްވާފައެވެ. އަދި ދައުލަތުން ވަނީ އެމީހުން ބަންދު ނުކުރުމަށް ނިންމީ ގޯސްކޮށްކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
ދައުލަތުގެ ވަކީލު ވަނީ މިއީ 2 ޖުލައި 2024 ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް އިސްލާޙެއް ގެނައުމަށްފަހު ކޯޓަށް ހުށަހެޅިފައިވާ ފުރަތަމަ މައްސަލަކަން ފާހަގަ ކުރައްވައި، އެކަމާ ގުޅޭގޮތުން ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން 199 ވަނަ މާއްދާއަށް ރިއާޔަތްކޮށް ހައިކޯޓުން މިހާތަނަށް 11 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، އެކި މައްސަލަތަކުގައި ހުރީ އެކި ގޮތްތަކަށް ނިންމާފައިކަމަށެވެ.
އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ގެނެވިފައިވަނީވެސް އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށްކަމަށް ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީ ފަނޑިޔާރުން ވަނީ އެ ފުރުސަތު ދެއްވާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ.

