ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން ލޭހަދިޔާކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި ކޮލެޖު/ ޔުނިވަރސިޓީތަކާއެކު މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޡިމް އިބްރާހިމެވެ. ދަރިވަރުންގެ ޔޫނިއަންގެ ރައީސް އިބްރާހިމް މިޝަލް މޫސާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ދަރިވަރުންގެ ގުޅުމުގެ ރައީސް ހުސައިން އަރުބާން ފައްވާޒް، ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސައިން ޖުނާން، މޯލްޑިވްސް ބިޒްނަސް ސްކޫލްގެފަރާތުން ސޮއިކުރެއްވީ ކޮމިއުނިޓީ އެންގޭޖްމަންޓްގެ ސްޕެޝަލިސްޓް ރައްޔާން އަބުދުލްރަހީމް، ޒިކްރާ އިންޓަނޭޝަނަލް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ޑީން އޮފް ފެކަލްޓީ އޮފް ސައިންސް އެންޑް ހިއުމަނިޓިސް އާމިނަތު ޒޫޝާން ހުސައިން، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާރޝަރީ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއިއޯ އާދިލް ރަޝީދުއެވެ.
މި އެއްބަސްވުމުގެ ދަށުން 5 ކަމެއްގެ މައްޗަށް މަސައްކަތްކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި، ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި،އުނގަންނައިދިނުމުގެ ތެރެއިންނާއި، އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވެ، އެކަން ކުރިއެރުވުމަށް މަސައްކަތްކުރުމާއި،މުޖުތަމަޢުގެ އެހެން ފަރާތްތައް ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުމާއި ލޭ ހަދިޔާކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޤައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމްޢިއްޔާތަކާއެކު މަސައްކަތްކުރުން ހިމެނެއެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުން ވެސް ހިމެއެވެ. މީގެއިތުރުން ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރި، އިތުބާރުހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކާއި މުއައްސަސާތަކާއެކު މަސައްކަތްކުރުން ހިމެނެއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން، މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ ”ލޭ ދީގެން އުއްމީދެއް ދޭށެވެ. އެންމެން ގުޅިގެން ފުރާނަ ސަލާމަތްކުރަމެވެ.“
ދިވެހިރާއްޖޭގައި ލޭފޯރުކޮށްދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މި މައްސަލަތައް ހައްލުކުރުމަށްޓަކައި ލޭ ހަދިޔާކުރުމުގެ މުހިންމުކަމާއި ލޭހަދިޔާކުރުމަށް ބާރުއެޅުމަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގުރާމަކީ މި ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭނެކަމެއްކަމަށް ބެލެވެއެވެ.

