ޕީއެންސީއަކީ ލާމަރުކަޒީ ނިޒާމުގެ ފިކުރު ޤަބޫލުކުރާ ޕާޓީއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ސަރުކާރު ނިސްބަތްވާ މެމްބަރުން މަޖިލީހަށް ޤަރާރު ހުށަހަޅުއްވާއިރު، ދައުލަތުގެ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ މާ ކުރިން އެކަމުގައި ގޮތްތަކެއް ކަނޑައަޅުއްވާފައި އޮންނަ ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ އަދަދު މަދު ކުރުމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ޤަރާރެއް ހުށަހެޅިފައިވާއިރު، އެކަމުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތް މާ ކުރިން އިއުލާނު ކުރެއްވިކަން ފާހަގަ ކުރައްވައި މީކާއީލް ވިދާޅުވީ، އެއީ ޚުދުމުހުތާރު ވެރިން ކަން ކުރައްވާ ގޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ ޕަޕެޓް ހައުސް
މީކާއީލް ވިދާޅުވީ، މިހާރު ވެރިކަމުގައި ތިއްބެވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ޤަބޫލު ކުރައްވާ ނިޒާމެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވިއިރު، އެ ވާހަކަފުޅަށް އަތް ޖައްސަވަން ތިއްބެވި ބޭފުޅުން ކަމަށެވެ.
އެހެންކަމުން މިއަދު ލާމަރުކަޒީ ނިޒާމު އިސްލާޙު ނުކުރެވިގެން އެ ބޭފުޅުން އުޅުއްވިޔަސް ރައްޔިތުން އެކަން ބަލައި ނުގަންނާނެކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޕީއެންސީއަކީ ލާމަރުކަޒީ ނިޒާމުގެ ފިކުރު ޤަބޫލުކުރާ ޕާޓީއެއް ނޫން ކަމަށެވެ.
މީގެ އިތުރުން، މިދިޔަ އަހަރަށްވުރެ މިއަހަރު ދައުލަތުގެ މުވައްޒަފުންގެ ޕޭރޯލް 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށާއި، އެހެންކަމުން ޚަރަދު ކުޑަކުރުމަށް ކައުންސިލަރުން މަދު ކުރުމުގެ ވާހަކަ ދެއްކުމުން ދެކޮޅު ނުޖެހޭކަމަށްވެސް މީކާއީލް ވިދާޅުވިއެވެ. އަދި ސިޔާސީ މުވައްޒަފުންގެ އަދަދުވެސް މިހާތަނަށް ހާމަ ކުރައްވާފައިނުވާކަން މީކާއީލް ފާހަގަ ކުރެއްވިއެވެ.

