ލާމަރުކަޒީ ގާނޫނެއް ގެނެސް ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންނާއި ގުޅުން ހުރި ނިންމުންތައް ނިންމާނީ، އެ ރައްޔިތުންކަމަށް ބުނެ އެމްޑީޕީން ވިސްނުމެއް ގެނައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަތޮޅުތެރޭގައި އޮތް ތާއީދު ގެއްލުވާލުމުގެ ބޭނުމުގައިކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރަށްތަކަށް ތަރައްގީއާއި ހެޔޮ ބަދަލު ގެންނާނެކަމަށް ވައުދުވެ ވުޖޫދު ކުރި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށް ބުނެ ޝުޖާއު ހުށަހެޅި ގަރާރެއް މިއަދު ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ. ހަރަދު ކުޑަކުރުމާއި އެކު، ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމަށް ހިޔާލު ދީފައިވާ އެ ގަރާރަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހެއްދެވި އެވެ.
އެ ވާހަކަތައް ރައްދު ދެއްވައި، ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ހަގީގީ ބޭނުމަކީ ރަށްތަކަށް ތަރައްގީ ގެނެސްދީ ރައްޔިތުން ބާރުވެރިކުރުވުން ނަމަވެސް މިވޭތުވެދިޔަ އަހަރުތަކުގައި އެ ނަތީޖާ ހާސިލުވެފައި ނުވާކަމަށެވެ. އަދި އިސްލާހުތަކެއް ގެނެސް މުޅި ގާނޫނަށް އެދެވޭ ހައްލެއް ބޭނުންވެފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް ބަދަލުތައް އަންނަން ޖެހޭކަމުގެ ވާހަކަ ދެއްކުމުން، އެކަމަށް އެމްޑީޕީ ދެކޮޅު ހަދަނީ ކީއްވެގެންތޯ ޝުޖާއު ސުވާލު އުފެއްދި އެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމުވެފައި ވަނީ އެމްޑީޕީ ބޭނުން ގޮތަކަށް ހިންގަން އޮތް ނިޒާމަކަށް ކަމަށެވެ. އެގޮތުން ސަރުކާރުތަކުގެ ނިންމުންތައް ތަންފީޒު ކުރުމަށް ދެކޮޅު ހެދުމާއި، އެއްބާރުލުން ނުދިނުން އަދި ވެރިކަމަށް އަންނަ ހިސާބުން ކައުންސިލެއްގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ނަމަ ބާރުތައް ނަގާކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މާލޭގެ ސަރުކާރަކުން ރަށެއްގެ އެއްވެސް ބޮޑު ނިންމުމެއް ނުނިންމޭނެކަމަށް ބުނެ އެފަދަ ވިސްނުމެއް ރައްޔިތުންނަށް ވިސްނައިދިނީ އެމްޑީޕީ ކަމަށެވެ.
އެމްޑީޕީ އުފައްދަންވެގެން އެބޭފުޅުން މަސައްކަތް ކުރިއިރުގައި އެބޭފުޅުންގެ ވިސްނުމަކީ ރައީސް މައުމޫންގެ މުޅި ވެރިކަން ނަގަހައްޓަމުން މިދަނީ އެޓޯލްސް މިނިސްޓްރީންގެ ތެރެއިން މަރުހޫމް އަބްދުﷲ ހަމީދުކަން.. އެހެންވީމަ މިއީ އަތޮޅުތެރޭގައި ރައީސް މައުމޫނަށް އޮތް ތާއީދު ގެއްލުވާނުލެވޭނެކަން ވިސްނިގެން ވުޖޫދު ކުރި އިސްލާހެއް މިއީ.. މިއީގައި ރައްޔިތުންނަށް ވިސްނައިދިނީ މާލޭގެ ބޮޑު ސަރުކާރަކުން ނޫނޭ ރަށުގެ ކަންކަން ނިންމާނީ.. އެ ރައްޔިތުންނޭ..
ޝުޖާއު ވިދާޅުވީ މައި ސަރުކާރާއި ގުޅިގެން ނޫން ގޮތަކަށް ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށެވެ. އަދި އެއީ އެންމެން ވެސް ގަބޫލު ކުރާ ގޮތްކަން ފާހަގަކޮށް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ވެރިންކަމަށް އެމްޑީޕީ ދައުވާކުރި ނަމަވެސް އޭރު ކަންކަން ހިނގައިދިޔަ ގޮތް ހަނދާނަށް ގެންނަން ޖެހޭކަމަށެވެ.
11 އަހަރު އެމްޑީޕިއަށް މާލޭގެ ކައުންސިލްތަކުގެ ބާރު އޮތުމަށް ފަހު، އެ ބާރު ފަހުން އިދިކޮޅަށް ލިބުމުން ކައުންސިލްގެ އެތައް ބާރެއް ހިފެހެއްޓިކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަލޭގެ މޭޔަރަކަށް ހުންނެވިއިރު، އެތައް އުނދަގޫތަކެއް ސަރުކާރުން ކުރިމަތި ކުރުވިކަމަށެވެ. އަދި ތަކުރާރުކޮށް އެކި އިސްލާހުތައް ހުށަހަޅަމުން ގޮސް، ލޭންޑް ޔޫސް ޕްލޭން ނިންމުމަށް ވެސް ދަތި ކުރިކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕިއަށް މިވާހަކަތަކަށް ދެކޮޅު ނެހެދޭނެކަމަށާއި، ގައުމީ ވިސްނުމެއްގައި އެންމެން އެކުގައި ނިޒާމުގައި ހުރި ބާތައް ހައްލު ކުރަން ޖެހޭކަމަށެވެ.

