މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީންގެ ތިންވަނަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ. ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް މާލެ އައިސްފައިވަނީ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ގްރޫޕް ޖޫން 14ގައިި އައިސްފައިވާއިރު 3ވަނަ ގްރޫޕް މިވަނީ މިއަދު ރާއްޖެ އައިސްފައެވެ.
އެންމެ ފަހު ގްރޫޕް ކަމުގައިވާ ހަތަރުވަނަ ގްރޫޕް ރާއްޖެ އަންނާނީ 17 ޖޫން ވާ އަންގާރަ ދުވަހުއެވެ. ޙައްޖުވެރިން އަންނާނީ ސައުދީއާއި އެއާލައިން އަދި މޯލްޑިވިއަންގެ ދެ ފުލައިޓެއްގައެވެ.
ހައްޖުވެރީން އެނބުރި ރާއްޖެ އައުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެއަރޕޯޓަށް ދާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިން އެއަރޕޯޓަށް ނުގެންދިއުމަށް އެޗްޕީއޭ އިން ވަނީ އާއްމުންނަށް އިލްތިމާސްކޮށްފައެވެ.
ހައްޖުވެރީން މާލެ އައިސްފައިވާއިރު ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒުވެސް ވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންފަވެއެވެ.
މިއަހަރު ރާއްޖެއިން ވަނީ 1,000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ގޮސްފައެވެ.
ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހައްޖުވެރީން އެނބުރި ރާއްޖެ އައުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

