އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ 59 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. 2025 ޖޫން 16 އިން ޖުލައި 9 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ އިސްވެރިކަމުގެ ދަށުން 6 މެންބަރުންގެ ވަފުދެކެވެ.
ފޮރިން މިނިސްޓްރީން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވިގޮތުގައި، މި ބައްދަލުވުން ފެށުމުގެ ގޮތުން އދ.ގެ ހައިކޮމިޝަނަރ ފޯރ ހިއުމަން ރައިޓްސް، ވޮލްކަރ ޓަރކް ވަނީ ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތާ ގުޅޭ ބަޔާނެއް އިއްވަވާފައެވެ.
ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ބައްދަލުވުމުގެ އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ދިވެހިރާއްޖޭގެ ވަފުދުން ތަޤްރީރު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ދަ ރައިޓް ޓު ޕީސްފުލް އެސެމްބްލީ އެންޑް އޮފް އެސޯސިއޭޝަންގެ ކޯރ ގްރޫޕްގެ މެންބަރުންނާއެކު އެ އެސޯސިއޭޝަންގެ މެންޑޭޓް އައުކުރުމަށް ގަރާރެއް ހުށަހެޅުންވެސް ހިމެނެއެވެ.
ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެންބަރެއްގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވައެވެ. މި ގޮތުން، މިޔަންމާގެ ސްޕެޝަލް ރެޕޯޓަރއާއެކު ބޭއްވޭ އިންޓަރެކްޓިވް ޑައިލޮގްގައި ދިވެހިރާއްޖެއިން ބައިވެރިވެ، ފަލަސްޠީނުގެ އިންސާނީ ކާރިސާއާ ގުޅޭ އެޖެންޑާ އައިޓަމްތަކުގައިވެސް ތަޤްރީރު ކުރައްވާނެއެވެ.
2006 ވަނަ އަހަރު އުފެދުނު އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ 47 މެންބަރު ޤައުމު ހިމެނޭ، އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް، ޙައްލުކުރުމަށް މަސައްކަތްކުރާ މުހިންމު މަޖިލީހެކެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، މިނިވަން ތަޙްޤީޤުތަކަށް ގޮވާލުމުގެ މުހިންމު ފުރުޞަތެކެވެ.

