ލާމަރުކަޒީ ނިޒާމު މިވަގުތު އޮތީ ވަކި ބަޔަކަށް އޭގެ މަންފާވާ ގޮތަށްކަމަށްވުމާއި އެކު، ބޭނުންވަނީ ޖުމްލަ ހައްލެއް ގެންނަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ކުރިޔަށް ގެންގޮސްފައި ވަނީ ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސް ހަރަދު ކުޑަކުރުމާއި ގުޅޭ މަޝްވަރާގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ ލާމަރުކަޒީ ގާނޫނަށް 15 އަހަރު ފުރުނުއިރު އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި ގުޅެގޮތުން މެމްބަރުން ހިޔާލު ހުށަހެޅުއްވުމަށެވެ.
ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ އިގްތިސާދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާން ކުރާތީ ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން މަދުވެގެން ތިބެން ޖެހޭ ގޮތަށް އޮތުމުން ރައްޔިތުން އެކަމާއި މެދު ސުވާލު އުފައްދާކަމަށެވެ. އެހެންވެ ގަރާރުގައި ވަނީ އެކަމަށް ހައްލު ގެނެވެން އޮތް ގޮތަކައި ކޮބައިތޯ ދެނެގަނެ ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި މުވައްސަސާތަކަށް އެހީތެރިވެ ހައްލެއް ހޯދުމަށެވެ.
މި ގަރާރަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، މިހާރު އޮތް ނިޒާމުގެ ތެރެއިން ކައުންސިލް މެމްބަރުންގެ މުސާރައަށް އެކަނި އަހަރެއްގެ މައްޗަށް 960 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭކަމަށެވެ. އަދި ހިންގުމުގެ ހަރަދަށް 79 މިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އަހަރެއްގެ މައްޗަށް ކުރާ ހޭދަ 300 މިލިއަނަށް އަރާކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ހާލަތު އޮތް ގޮތުން، މިއަދު ގައުމުގެ ތެރޭގައި މަޝްވަރާ އޮތީ ކަންކަން އިގްތިސާދުކޮށް ހަރަދު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އެހެންކަމުން އެ ބާގަނޑުތައް ހުރީ ކޮން ތަންތަނެއްގައި ތޯ ބަލާއިރު ކައުންސިލް ނިޒާމުން މިދިޔަ 15 އަހަރެއްގެ ތެރޭގައި އައި ހެޔޮ ބަދަލެއް ހަގީގަތުގައި ފެންނާން ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެންމެ ފުރަތަމަ އޮތީ އާބާދީއެއްގައި 25،000 ހަމަވާ ރަށްތަކަށް ސިޓީގެ ދަރަޖަ ދިނުން ނަމަވެސް އެ އަދަދު ފަހުން 10،000 އަށް ދަށް ކުރެވިގެން ދިޔަކަން ނާޒިމް ފާހަގަކުރެއްވި އެވެ. އަދި އެ އިސްލާހު ގެނައިއިރު އޮނިގަނޑަށް ބަދަލުތަކެއް ގެނެވިފައި ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.
ހަމަ އެ އޮތް ނިޒާމުގެ ތެރެއިން މުސާރަތައް ހަމަޖެހިގެން ސިޓީތައް ވެސް ހިނގަމުން މިދަނީ.. މިސާލަކަށް ކުޅުދުއްފުށި، ފުވައްމުލައް، އަދި ތިނަދޫ.. މިސާލަކަށް އައްޑޫގެ ހާލަތަށް ވިސްނާލިޔަސް.. ހުޅުދޫ، މީދޫގެ ތިއްބަވަނީ ދެ ކައުންސިލަރުން.. އެހެން ނަމަވެސް އައްޑޫ ސިޓީގެ މެޖޯރިޓީގެ މެޖޯރިޓީ މި އޮންނަނީ ހިތަދޫގެ ހަތް ކައުންސިލަރުންގެ އަތް މަތީގައި..
ނާޒިމް ވިދާޅުވީ ވަކި ބަޔަކަށް މަންފާވާ ގޮތަށް މުޅި ނިޒާމު ބައްޓަންވެފައި އޮތުމާއި މެދު ވިސްނާލަން ޖެހޭކަމަށެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި އެއްވެސް ބަޔަކު ދެކޮޅު ނޫންކަމަށާއި ބޭނުން ވަނީ އެންމެނަށް އޭގެ މަންފާވާނެ ބަދަލުތައް އައުމަށް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އޮތް ގަރާރަށް ބަހުސް ކުރާއިރު، އިދިކޮޅު މެމްބަރުން ވެސް ހިޔާލު ދެއްވުމުން ހެޔޮ ބަދަލެއް އަންނާނެކަމުގެ އުންމީދު އެބައޮތްކަމަށް ނާޒިމް ވިދާޅުވި އެވެ.

