ލާމަރުކަޒީ ގާނޫނުގައި ހުރި މައްސަލައް ދެނެގަތުމުގެ މަޝްވަރާ ކުރާއިރު، މުޅި މައްސަލައިގެ ފޯކަސްއަކީ މެމްބަރުންގެ އަދަދު މަދު ކުރުމެއް ނޫންކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކަން ވިދާޅުވެއްޖެ އެވެ.
ގަރާރަށް ބަހުސް ކުރައްވަމުން ހުސްނީ ވިދާޅުވީ ކައުންސިލްތަކަކީ، އެމްޑީޕީގެ އަމިއްލަތަނެއް ނޫންކަމަށެވެ. އަދި މިއީ ދައުލަތުން ހަރަދުކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ހިންގާތަނަކަށްވާއިރު ކައުންސިލްތަކަކީ ވަކި ސިޔާސީ ޕާޓީއެއްގެ ޖަގަހައެއްގެ ގޮތުގައި ހަދައި ހިތުހުރި ލަފައަށް މަސައްކަތް ނުކުރެވޭނެކަމަށް ހުސްނީ ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ ގާނޫނަށް ބަދަލު ގެނައުމުގެ ވާހަކަތައް ދައްކަނީ، ލޯކަލް ކައުންސިލް އިންތިހާބެއް ވެސް ބޯމަތިވެފައިވަނިކޮށް ކަމަށެވެ. އެހެންކަމުން އައު މެމްބަރުންތަކެއް ހޮވުމުގެ ކުރިޔަށް ނިޒާމް ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް އެޅެން އޮތް ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމުގެ މުހިންމުކަން ހުސްނީ ފާހަގަކުރެއްވި އެވެ.
ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް މަސައްކަތްކޮށް، ނަތީޖާ ނެރުނު ނަމަވެސް ހަމަ އެގޮތަށް މަސައްކަތް ނުކުރެވޭ ކައުންސިލްތައް އެބަހުރިިކަމަށް ހުސްނީ ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ ކައުންސިލްތަކާއި މަސައްކަތްތައް ހަވާލު ކުރުމުން، ނުވަތަ ކުރަން ޖެހުމުން ދެކޮޅު ހަދައި ބަޖެޓުގެ ދަތިކަމުގެ ބަހަނާ ދައްކާކަމަށެވެ.
ހުސްނީ ވިދާޅުވި ގޮތުގައި ބައެއް ކައުންސިލްތަކަށް ސިޔާސީ ވިސްނުން ވަރަށް ބޮޑަށް ވަދެ، ބައެއް ކަންކަމުގައި އެއްބާރުލުން ދޭން ބޭނުމެއް ނުވެއެވެ. އަދި ދެކޮޅަށް ވާހަކަ ދެއްކުމާއި، ރަށުގެ ރައްޔިތުންގެ ބަސް އެހުމެއް ނެތި، ކަންކަން އިއުލާނު ކުރަމުން ގެންދިއުމުގެ ޝަކުވާ އަޑުއިވޭކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ބޭނުން ވަނީ ގާނޫނުގައި ހުރި މިފަދަ ބާގަނޑުތައް ބައްދައި، ހައްލުން ގެނައުންކަމަށް ހުސްނީ ވިދާޅުވި އެވެ. ހުސްނީ ވިދާޅުވީ މިއީ މެމްބަރުންގެ އަދަދު މަދުކޮށް، ވަކި ނިޔަތެއްގައި ކުރާކަމެއް ނޫންކަމަށެވެ.
އެ ފުރުސަތު ދީ، އެކަންކޮށް މަޝްވަރާ ކުރުމަށް ހުށަހެޅިފައިވާ ގަރާރެއް މިއީ.. މީގެ ބޭނުމަކީ ސީދާ ކައުންސިލަރުންގެ އަދަދު، އެހެން ނޫނީ އަންހެން ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމެއް ވެސް ނޫން..
މީގެއިތުރުން ހުސްނީ ވިދާޅުވީ ކައުންސިލްގެ ދައުރެއް ނިމި، އައު މެމްބަރުންތަކެއް އައުމަށް ފަހު ކުރިން ހުރި މަސައްކަތްތައް އެގޮތުގައި ދޫކޮށްލުން ވަރަށް އާންމުކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ކުރެވޭ މަސައްކަތެއްކަމަށްވުމާއި އެކު، ހަރަދުތައް ބޭކާރު ނުވެ ދާނެ މަގެއް އޮތުމުގެ މުހިންމުކަން މެމްބަރު ފާހަގަކުރެއްވި އެވެ.
ކައުންސިލްތަކުން ކުރާ ބޮޑެތި ހޭދަތަކާއި ގުޅޭގޮތުން ހުސްނީ ވިދާޅުވީ، އިންތިހާބުތަކާއި ދިމާކޮށް އޮފީހުގެ އެކި ބޭނުމަށް ވަޒީފާތައް އިތުރު ކުރާކަމަށެވެ. އެގޮތުން ވެހިކަލްއެއްގެ ޑްރައިވަރ އެއް ބޭނުން ނުވިޔަސް، އެ ނަމުގައި ވަޒީފާ އިއުލާނުކޮށް މީހުން ނަގަމުން ގެންދިއުން ހުސްނީ ވިދާޅުވި އެވެ.

