ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޞިއްޙީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރަންޖެހޭ: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޞިއްޙީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ގެ އިފްތިތާޙީ ސެޝަންގައި، ވާހަކަފުޅުދައްކަވަމުންނެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ، ގުޅުންތައް ދެމެހެއްޓުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރެއްވިއެވެ.

އަދި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގްއާއި، ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ޞިއްޙީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

ހަމަ މިއާއެކު އެކަމަނާ ވަނީ، ދަރިމައިނުވުމާއި، މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕަރޓެންޝަން ފަދަ ބަލިތަކާއި، އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމަށް މެރކް ފައުންޑޭޝަނާ ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތްތައްވެސް، ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދީ، އަންހެނުންނަށް އިންސާފު ލިބުމުގެ ފުރުސަތު އިތުރުކޮށްދީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެހީތެރިވެދީ، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން، ޖެންޑަރ އިކުއަލިޓީ ޕޮލިސީތައް ތަޢާރަފުކުރުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ޚައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި 8 އަހަރު، އަދި ފައުންޑޭޝަންގެ 13 އަހަރު ދުވަހުގެ ދިގު ތާރީޚުގައި އިޖުތިމާޢީ ތަރައްޤީގެ ތަފާތު ޕްރޮގްރާމްތައް، މެރކް ފައުންޑޭޝަނުން ހިންގާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވިއެވެ.

އަދި މެރކް ފައުންޑޭޝަންގެ ”މޯ ދޭން އަ މަދަރ“ ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ ޢައްޔަންކުރެއްވިކަމަށްޓަކައި، އެ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ. ހަމަ މިއާއެކު، ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ދޭކަން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވިއެވެ. މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެން ނަމަވެސް މުހިންމު ދާއިރާއެއްކަން މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މެރކް ފައުންޑޭޝަންގެ ”މޯރ ދޭން އަ މަދަރ“ ކެމްޕޭންގެ އެމްބެސެޑަރަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ހަމަޖައްސަވާފައިވާއިރު މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި)ގެ 7 ވަނަ ސަމިޓު ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނާއެއްގެ ހައިސިއްޔަތުންނެވެ.

މި ސަމިޓު ކުރިއަށްދާނީ މިމަހުގެ 18 އިން 19 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: