ފުލުހުންނަށް އޮތް އިތުބާރު ހަރުދަނާ ކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ރާއްޖޭގައި ޓެކްނޮލޮޖީ ކުރިއަރައިގެންގޮސް، އެކި ގޮތްގޮތުން ސްކޭމްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ސްކޭމްގެ ގޮތުގައި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގާތްގަނޑަކަށް 2 މިލިއަނެއްހައި ފައިސާ ގެއްލިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޖަލުތަކުގައިވެސް ސްކޭމްގެ މައްސަލަތައް ހިންގާއިރު، ޖަލުގައި ތިބި ގައިދީންގެ ފަރާތުން ސްކޭމްގެ މައްސަލައެއް ފާހަގަވެއްޖެނަމަ އެތަނެއް ބަލައި ފާސްކުރެވޭނެކަމަށްވެސް ނަވީން ވިދާޅުވިއެވެ.
މީގެ އިތުރުން، ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވުމުން ސްކޭމާ ދެކޮޅަށް ކުރާ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށްވެސް ނަވީން ވިދާޅުވިއެވެ.
ނަވީން ވަނީ ގޭންގް ކުށްތަކާ ބެހޭ ޤާނޫނަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ގޭންގު ޤާނޫނު ތަންފީޒުވެގެންދާއިރު ފުލުހުންގެ ތަންފީޒުކުރުމުގެ ޤާބިލުކަމާއި ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެކަމަށް ނަވީން ވިދާޅުވިއެވެ. އަދި ފުލުހުންނަށް އޮތް އިތުބާރު ހަރުދަނާ ކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށްވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ތަހުޤީގު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަވާނެ ނަވީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ނަވީން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މިހާތަނަށް އެކަމަކަށް ހައްލެއް ނުގެނެވި، ގިނަ ދުވަސްތަކެއް ވެފައިވާ ޤައުމީ ބޮޑު މައްސަލައެއް ކަމަށާއި، އެއީ ކޮންމެ ސަރުކާރެއްގައިވެސް ހައްލުކުރުމަށް މަސައްކަތްކުރާ މައްސަލައެއް ކަމަށެވެ. އެގޮތުން މި ހިނގަމުންދާ ސަރުކާރުގެ ފަރާތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުތައް ހުށަހަޅުއްވާފައިވާއިރު އެ އިސްލާހުތަކާއެކު މަސްތުވާތަކެތި ހުއްޓުވުމަށް އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށާއި، އެ މަސައްކަތުގެ ދަށުން ފުލުހުންގެ ތަހުގީގުކުރުމުގެ ވައްޓަފާޅިއަށްވެސް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، ފުލުހުންނަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް މީގެ ކުރިންވެސް ކުރެވިފައިވާ ކަމަށާއި، އަދި ވަރަށް ބޮޑެތި އަދަދުތަކުން ޑްރަގް ހޯދާފައިވާ ކަމަށެވެ.
އެހެންނަމަވެސް ފުލުހުންގެ ތަހުގީގުކުރުމުގެ ވައްޓަފާޅި ބަދަލުކޮށް، އެފަދަ ކުށްތަކުގައި ފައިސާ ހޯދާ ތަނަކާއި އެ ގެންނަ ފަރާތްތަކުން ފައިސާ ގެންގުޅޭގޮތާއި މިހުރިހާ ކަންކަމެއްގެ ތަހުގީގުވެސް ވަރުގަދަ ކުރައްވާނެކަމަށް ނަވީން ވިދާޅުވިއެވެ. އަދި މިހާރުވެސް އެ މަސައްކަތްތައް ކުރިއަށްދާކަން ނަވީން ފާހަގަ ކުރެއްވިއެވެ.
އެގޮތުން ބަލާއިރު، ފައިނޭންޝަލް އެނަލިސިސް ހެދުމަށް ބޭނުންވާ ތަޖުރިބާ ހުރި ފަރާތްތައް ރާއްޖެއިން ބޭރުން ރާއްޖެ ގެނައުމާއި، ރީޓްރެއިން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ނަވީން ވިދާޅުވިއެވެ.
ސީޕީ ނަވީން ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން އެއް ލަނޑުދަނޑިއަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭނީ މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު މަދުކޮށް، އެ ބޭނުން ކުރާ ފަރާތްތަކަށް ދޭންޖެހޭ ފަރުވާ ދެވިގެން ކަމަށް ވިދާޅުވިއެވެ.ރާއްޖެއަށް ފޮނުވާ މުދާތަކުގައި ފޮރުވައިގެން މަސްތުވާތަކެތި މިހާރު އެތެރެކުރާކަން ފާހަގަކުރައްވައި ސީޕީ ނަވީން ވިދާޅުވީ އެކަން ހުއްޓުވުމަށް ސަރަހައްދީ ޤައުމުތަކާ ގުޅިގެން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، އިންޑިއާ އަދި ސްރީލަންކާއާއެކު މަސައްކަތްތައް ކުރައްވަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި މެލޭޝިއާ އަދި ތައިލެންޑާއެކުވެސް މަޝްވަރާ ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވިއެވެ.

