އެމްޑީޕީ އޮތީ މިހާރުވެސް ރޫޅިފައި ކަމަށާއި އިތުރަށް އެޕާޓީގައި ޒިންމާދާރު މަސައްކަތެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު މުސްތަފާ ވިދާޅުވީ ޑިމޮކްރެޓްސް އުފެދި އަދި އެޕާޓީއަށް ސިޔާސީ މާބޮޑު މަސައްކަތްތަކެއް ނުކުރެވި ފެނިގެންދިޔައީ އެމީހުންގެ އަސްލަށް ރުޖޫއަ ވެގެންދިޔަ ތަން ކަމަށެވެ. އެއީ 2028 ވަނަ އަހަރަށް ނަގާ ރާޅެއް ގޮތުގައި ބެލެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. ޑިމޮކްރެޓްސް އަދި އެމްޑީޕީ ދެ ޕާޓީގެ ގޮތުގައި އޮވެގެންވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި މަސައްކަތްތަކެއް ނުކުރެވޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
އޮޕޮޒިޝަނެއްގެ ޒިންމާއަކަށް ވެގެންދާނީ ސަރުކާރެއް ޖަވާބުދާރީ ކުރުވާ އަދި ފާރަވެރިވުމާއިއެކު، ސަރުކާރުގައި އިސްލާހު ކުރަން ހުރި ކަންކަން ރަނގަޅުކުރުމަށްޓަކައި މަސައްކަތްތަކެއް ކޮށްގެން ކަމަށް މުސްތަފާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް އެމްޑީޕީގަވެސް ފާހަގަކުރެވުނީ ރައްޔިތުންނަށް އޮޅުވާލުމާއި ރައްޔިތުންގެ ނަފްރަތު އުފެއްދުމާއި އެފަދަ މަސައްކަތުގައި ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވާ އެމީހުންނަށް ގާނޫނު ލާޒިމް ކުރާ މަސައްކަތަކެއް ކުރާ މަންޒަރު ނުފެންނަ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
”އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ހަގީގަތުގައި އަދިވެސް ހަމަ އެމްޑީޕީ އާއި ޑިމޮކްރެޓްސްއާއި އެއްވިއަސް، އެ އެއްޗަކީ އެކައްޗެއް އިނގޭތޯ. ދެންވެސް މިނާނީ ހަމަ އެއްނާޅިން. އެހެންވީމާ މާބޮޑު ޒިންމާދާރު މަސައްކަތްތަކެއް އެމްޑީޕީ ތެރޭގައި ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ފުރަތަމަ ކަމަކަށް މުޅި އެމްޑީޕީ އޮތީ ރޫޅިފައި“
އެމްޑީޕީ އުފެއްދުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ރައީސް މުހައްމަދު ނަޝީދު ކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އެމަސައްކަތާއިއެކު އެމްޑީޕީ އޮތީ ރޫޅިފައި ކަމަށް މެމްބަރު ތަކުރާރުކުރެއްވިއެވެ. މިސާލު ޖައްސަވާ މެމްބަރު ވިދާޅުވީ ރައީސް ނަޝީދު ރޫޅާލި ގަނޑެއް، އަލުން ތެރަސްއެޅިޔަސް ރަނގަޅު ނުވާނެ ކަމަށެވެ.

