ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 4،000 ފްލެޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ރައީސް މުއިއްޒު މިއަދު އެ ސަރަހައްދަށް ވަޑައިގެން ބެއްލެވި ކަމަށެވެ. އަދި އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލު ވެސް ރައީސާ ހިއްސާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި 4،000 ފްލެޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ތަންތަނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފައެވެ.
މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ. ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ. އެހެންނަމަވެސް މި ސަރުކާރުން ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
މިމައްސަލައިގައި މިނިސްޓްރީން ފުލެޓު ނުލިބޭ ކަމަށް ލިޔުން ދޫކުރުމުން މިމައްސަލަ ކޯޓު މަރުހަލާއަށް ވަނީ ގޮސްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އިބްރާހިމް މުހައްމަދު ސާހިލް ސަރުކާރުން އާންމުކޮށް، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެއެވެ. ނަމަވެސް އެ ފްލެޓްތަކުގެ މަސައްކަތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެކު ހަދާފައިވާ އެ އެއްބަސްވުންތަކަށް އަމަލު ނުކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

