ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޒިންމާދާރު މަގާމެއްގައި ހުރެ ގްރީން ޒޯނަކަށް އެއްވާން ގޮވާލުން ގަބޫލު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ވާހަކަ ފާހަގަކުރައްވާ މެމްބަރު ހުސްނީ ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ އޮޕޮޒިޝަން ޕާޓީއެއް އޮންނަން ޖެހޭ ކަމަށެވެ. ޒިންމާދާރު ކަމާއެކު އެކަން އެހެންކުރެވޭ ކަމުގައި ވާނަމަ ގައުމަށް ފައިދާހުރި ގޮތުގައި ސަރުކާރުގެ ކަންކަން ތަންފީޒު ކުރެވިގެން ދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުނަސް ޕީއެންސީ ނުވަތަ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅި ސަރުކާރު ފަހަތައް ޖެހެންޖެހޭ ހާލަތެއް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުސްނީ ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެއަށްވުރެ ބޮޑަށް ފެނިގެންދަނީ އެމްޑީޕީ ތެރޭގައި ބައިބައިވުން އޮތް ތަން ކަމަށެވެ.
”ޕާޓީ ރޫޅާލަން އުޅުނު ބަޔަކުއައިސް ގުޅިގެން ޕާޓީ އެކުލަވާލައިގެން ކުރިއަށް ދެވިދާނެ ތޯ ނުވަތަ ޕާޓީ ތެރޭގައި މި އޮތީ އެހެންކަމަކަށް އޮތް ވާދަވެރިކަމެއްތޯ. 2028ގެ ރިޔާސީ އިންތިހާބުގެ ވާދަވެރިކަމަށް އޮތް ވާދަވެރިކަމެއްތޯ“
މީގެއިތުރަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި ޕޯސްޓާއި ގުޅިގެން ހުސްނީ ވިދާޅުވީ އެންމެ ބޮޑު ޕާޓީގެ ޒިންމާދާރު މަގާމެއްގައި ހުރެ ގްރީން ޒޯނަކަށް ނުވަތަ އެނޫންވެސް ތަނަކަށް އެއްވުމަށް، އެއްވެސް އަސާސެއްނެތި އެހެން ބަޔާން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭންވެސް ނުޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެއީ ގާނޫނުއަސާސީގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުވަތަ މިނިވަންކަމާއެކު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުންކަމަކަށް ނުބެލެވޭނެ ކަމަށެވެ.
ސިޔާސީ ހަރަކާތްތައް ބޭއްވުމަށާއި އަދި ސުލްހަވެރިކޮށް އެއްވެ އުޅެވޭނެ ޖާގަ ނުވަތަ ތަންތަން ބަޔާންކޮށްފައި ވާކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އޭގެއިތުރަށްވެސް އެއްވެ އުޅެވޭނެ ތަންތަން ކަނޑައަޅާފައިވާ ކަމަށާއި، ގަވާއިދުތަކަށް އިސްލާހުވެސް ގެނެސް މިސަރުކާރުން އެކަން އިތުރަށް ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިވެންޓުތައް ބޭއްވުން މަނާކޮށްފައިވާ ތަންތަނުގައި އިވެންޓުތައް ބާއްވާނެ ކަމަށް ވިދާޅުވެވޭނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

