ކުރިން ހުއްދަ ނަގައިގެން ސިޔާސީ ހަރަކާތްތައް ބޭއްވޭ ތަންތަނުގައި މިހާރު ހުއްދައަކާއި ނުލާ ސިޔާސީ ހަރަކާތްތައް ބޭއްވޭނެ ގޮތް މިސަރުކާރުން މަގުފަހިިކޮށްދީފައިވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. ކުރިން ހުއްދަނެގުމަކާނުލާ، މީގެކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދަށް އެކަނި ކަމަށް ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް ހީނާ ވިދާޅުވީ އެކަން ބަދަލުކޮށް މިސަރުކާރުން ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައިވާ ތަންތަން ކަމަށެވެ.
ހީނާ ވިދާޅުވީ ފުރުަަސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ޜޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް ކަމަށެވެ.
ހީނާ މި ޕޯސްޓު ކުރައްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވަން ކުރާ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށާއި، ސަރަހައްދެއް ނުލިބޭ ހާލަތުގައި އެ ހަފުލާ ރިޔާސީ ގަނޑުވަރު މުލިއާގެ ކައިރީގައި ބާއްވަން ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.
ފައްޔާޒް ވިދާޅުވީ ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ގިނަ ބަޔަކު އެ ޕާޓީއާ ގުޅުން ފާހަގަކޮށް މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ބޭއްވުމަށް ވެސް ތަނެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު މި ސަރުކާރުން އެކަމަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

