ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގައި އޮވެ އެމްޑީޕީ އަބަދު ކިޔަނީ އެއް ލަވައެއް، އެއީ ކޮރަޕްޝަނާއި މަތިބަރު ސަރުކާރެއްގެ ތުހުމަތު ކުރުން: ފަޒާދު

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ހަލަބޮލިކޮށްލައި، އާމްދަނީ ލިބޭނެ މަގުތަކަށް އަސަރު ކުރާނެހެން މަސައްކަތްކޮށް އިގްތިސާދު ފުނޑާލުމަކީ ޒިންމާދާރު އޮޕޮޒިޝަނެއްގައި ހުންނާނެ ސިފަތަކެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަޒާދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާތަނަށް ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރި އެއްވެސް ސިޔާސީ ޕާޓީއެއް ފެނިފައި ނުވާކަމަށެވެ. އަދި އޭރަކު އިދިކޮޅުގައި އޮންނަ ކޮންމެ ޕާޓީއެއް ވެސް ދައްކަނީ އެއް ވާހަކަތަކެއްކަމަށް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ތުހުމަތު ކުރުމާއި، ސިޔާސީ މަގާމުތައް އިތުރުކޮށް ހަރަދު ބޮޑު މަތިބަރު ސަރުކާރެއް ހިންގަމުން ދާކަމުގެ ތުހުމަތު ކުރުން ހިމެނޭކަމަށް ފަޒާދު ވިދާޅުވި އެވެ.

ފަޒާދު ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު އިދިކޮޅުގައި ތިބެ ދެއްކި ވާހަކަތަކާއި، ހައްގުތަކެއް ހޯދައިދިނުމަށް ވަކާލާތު ކުރިކަން އެފަދަ ސިޔާސީ ޕާޓީތައް ހަނދާން ނެތޭކަމަށެވެ. މިސާލެއްގެ ގޮތުގައި އެމްޑީޕީގެ ފުރަޔަމަ ވެރިކަން އުފެދިގެން އައި ގޮތް ނަންގަވައި ފަޒާދު ވިދާޅުވީ ”އަނެއް ދިވެހިރާއްޖެ“ ގެ ނަމުގައި ކެމްޕެއިންކޮށް ރައީސް މައުމޫންގެ ވެރިކަން ބަދަލު ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވުމަށް ފަހު ވައުދުވި އެއްވެސްކަމެއް ތަންފީޒުވިތަން ފެނިފައި ނުވާކަމަށެވެ. އޭގެ ފަހުން އެ ވެރިކަން ބަދަލުވެ، ބަޣާވާތުގެ ޓެގެއް ދީގެން މުޒާހަރާ ކުރުން ފިޔަވައި އެމްޑީޕީއަށް ކުރެވުނުކަމެއް ނެތްކަމަށް ފަޒާދު ވިދާޅުވި އެވެ.

ފަޒާދު ވިދާޅުވީ އެމްޑީޕީ އޭރު އިދިކޮޅުގައި އޮވެ ހަތް އަހަރު ވަންދެން ދައްކަމުން އައީ، ބަޣާވާތުގެ މައްސަލަ ބެލުމާއި ގުޅޭ ގޮތުންކަމަށެވެ. އަދި 2023 ގައި ފަސް އަހަރުގެ ދައުރެއް ލިބުމަށް ފަހު ތުހުމަތު ކުރި އެއްވެސް މައްސަލައެއް ބަލާފައި ނުވާކަމަށް ވިދާޅުވި އެވެ. އެހެންކަމުން އޭރާއި މިހާރުގެ އެއްވެސް ތަފާތެއް ނެތްކަމަށް ފާހަގަކުރައްވަމުން ފަޒާދު ވިދާޅުވީ އަބަދުވެސް އެމްޑީޕީގެ ކިބައިން ފެނުނީ ޒިންމާދާރުކަން ކުޑަ އޮޕޮޒިޝަނެއްގެ ސިފަތައް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގައި ތިބޭއިރު ކޮންމެ ބަޔަކު ތިން ވެސް ދައްކާނީ އެއް ވާހަކައެއް.. ކިޔަވާނީ އެއް ފޮތަކުން..  ފޮތުގައި އޮންނާނީ ކަރަޕްޝަނުގެ ވާހަކައާއި ވައްކަމުގެ ވާހަކައާއި މަތިބަރު ވާހަކައާއި އެބަޔަކު ވެރިކަމަށް އައިމާ އެ ހިސާބު އެކަމެއް ނޯންނާނެ.. ކޮންމެ އެއްތޯ ތަންފީޒުކުރި.. އެންމެ ފުރަތަމަ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީން ދެއްކި ވާހަކަތައް ބައްލަވާ އޭގެ އެއްވެސް ކަމެއް ތަންފީޒު ކުރިތޯ.. ނުކުރޭ ދެން އައީ ވަހީދު ސަރުކާރު އައިސްގެން ސަރުކާރަށް ވަރަށް ގޮންޖެހުން ބޮޑު..ދެން އެ ސަރުކާރަށް ހަމަ މުޅިން ވެސް އެ ބާޢީގެ ލަގަބުދީގެން އެކަމުގެ ތެރޭގައި އުޅުނީ.. އެމްޑީޕީ ވެސް އޭގެފަހުން ވެސް ވެރިކަންކޮށްފި އެއްކަލަ ބާޣީންގެ މައްސަލަ ބެލިތޯ.. ނުއެއް ބަލާ ނޫންތޯ.. އެހެންވީމާ މިއީ އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ދިވެހިރާއްޖޭގެ އޮޕޮޒިޝަނަކީ މިއަދާ ހަމައަށް އައިއިރު ރައްޔިތުންނަށް ލަބަޔާއި މަންފާ ހުރި ގޮތަށް ކަންތައްތައް ކުރާ ބައެއް ނޫނޭ އެއީ އެއީ ހަމަ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި އަބަދުވެސް އޮޕަޒިޝަންތައް ފެނިގެން ދިޔައި..

މީގެއިތުރުން ފަޒާދު ވިދާޅުވީ އަބަދުވެސް ފެންނަނީ އިދިކޮޅަކުން ގައުމު ހަލަބޮލިކޮށްލައި، ބަނގުރޫޓުކޮށްލުމަށް މަސައްކަތް ކުރާތަން ކަމަށެވެ. އަދި ގައުމު އެ ހާލަތަށް ވައްޓާލުމަށްޓަކައި ޓޫރިޒަމް ބޮއިކޮތު ކުރުމަށް ގޮވާލައި، ރާއްޖެއަށް އާމްދަނީ ލިބޭ އެކި މަގުތައް ބަންދުކުރުމަށް މަސައްކަތް ކުރާކަމުގައި ވިދާޅުވި އެވެ.

ފަޒާދު ވިދާޅުވީ ގައުމަށް ލިބޭ އާމްދަނީގެ ކިރިޔާ ވެސް މިންވަރެއް ދަށްވެއްޖެ ނަމަ އޭގެ ސީދާ އަސަރު ވަގުތުން ރައްޔިތުންނަށް ކުރާކަމަށެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވެ ފަޒާދު ވަނީ ބިނާ ކުރުވަނީ އިދިކޮޅެއްގެ ރޯލު އަދާކޮށް ރަނގަޅު ގޮތުގައި ސަރުކާރު ޖަވާބުދާރި ކުރުވުމުގެ މަސައްކަތްތައް ކުރުމަށް ގޮވާލާފަ އެވެ. އަދި ގައުމަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރާ އެއްވެސް ބަޔަކީ، އިގްތިސާދު ފުނޑާލައި މަގުމަތި ހަލަބޮލި ކުރުމަށް މަސައްކަތް ކުރާނެ ބައެއް ނޫންކަމަށް ފަޒާދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: