މިވީހާތަނަށް މި ސަރުކާރުން އިދިކޮޅުގެ އެއްވެސް ސިޔާސީ ހަރަކާތަކަށް ހުރަސްއަޅާފައި ނުވާނެކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނާއި އެކު އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އުފެއްދެވި ބޭފުޅުން އަލުން ޕާޓީއާއި ގުޅުމަށް ދާދިފަހުން ވަނީ ނިންމާފަ އެވެ. އެކަމަށް މަރުހަބާ ކިޔައި އެމްޑީޕީގެ އަހަރީ ދުވަހާއި ދިމާކޮށް ޖަލްސާއެއް ބޭއްވުމަށް ޕާޓީން ދަނީ ތައްޔާރުވަމުންނެވެ.
މި ޖަލްސާއަށް ސަރުކާރުން ހުރަސްއަޅައި، ހަރަކާތް ބާއްވާނެ ޖާގައެއް ހަމަޖައްސަދީފައި ނުވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި ވިދާޅުވީ ޖަލްސާއަށް ޖާގައެއް ނުލިބޭ ހާލަތެއްގައި، ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާނީ ރިޔާސީ ގަނޑުވަރު، މުލިއާގެ ދޮރުމަތީ ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ މާލޭގައި ބާއްވާ ސިޔާސީ ޙަރަކާތްތަަށް ބޭއްވުމުގެ ކަންކަން ބަލަހައްޓަނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ. އަދި މިފަދަ އެއްވެސް ޙަރަކާތެެއް ބޭއްވުމަށް އެޕްޑީޕީ އެދިފައިނުވާކަމަށް ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ވިދާޅުވެފައިވާކަމަށެވެ.
ހުސްނީ ވިދާޅުވީ މާލޭގެ މޭޔަރ އާދަމް އާޒިމް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާކަމަށާއި އެހެންކަމުން ތަނެއް ހަމަނުޖެހިގެން އުޅެނީ އެތެރޭގެ ”ކޯޅުން“ ބޮޑުވެގެންކަމަށް ވެދާނެކަމަށެވެ. އެހެންކަމުން ކަން ހިނގައިދިޔަ ގޮތް ސާފުކޮށް، ޕާޓީގެ އެތެރޭގެ މައްސަލަތައް ފުރަތަމަ ހައްލު ކުރުމަށް ހުސްނީ ގޮވާލެއްވި އެވެ.
ފައްޔާޒަށް ފާޑުކިއުން އަމާޒު ކުރައްވައި ހުސްނީ ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ދޮގުތައް ފަތުރައި ޖަލްސާއަށް މީހުން އެއްކުރުން ކަމަށެވެ.
ހުސްނީ ވިދާޅުވީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެމްޑީޕީއަށް ބޭނުންވި ގޮތަކަށް ސިޔާސީ ހަރާކްތައް ހިންގުނުކަމަށާއި އެކަމަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސަރުކާރުން އޭރުގެ އިދިކޮޅަށް ހިޔާލު ފާޅުކުރުމުގެ އެއްވެސް ފުރުސަތެއް ނުދޭކަމަށް ހުސްނީ ވިދާޅުވި އެވެ.
މީގެއިތުރުން ހުސްނީ ވިދާޅުވީ ރަނގަޅު މަސައްކަތެއް ކުރެވޭނީ ޒިންމާދާރު އޮޕޮޒިޝަނެއް އޮވެގެން ކަމަށެވެ. އަދި ޖަވާބުދާރީ ކުރެވޭނީ އިހުލާސްތެރިކަމާއި އެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އޮތް ބަޔަކަށްކަމަށް ވެސް ވިދާޅުވި އެވެ.

