އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނަން ނޮބެލް ޕީސް ޕްރައިޒްއަށް ހުށައަޅާނެކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ނޫސްތަކުން ބުނާގޮތުން ދާދި ފަހުން ޓްރަމްޕުވަނީ އިންޑިއާ ޕާކިސްތާނުގެ ދެމެދު ޖެހުނު މައްސަލައިގެ ތެރެއިން ސުލްހަ ގާއިމުކުރުމަށް ގޮވާލައި މެސެޖެއް އާންމުކޮށްފައިކަމަށެވެ. އަދި މިހާރު އެކަމާއި ގުޅިގެން ޕާކިސްތާނުންވެސް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާކަމަށް ފެނިގެންދާކަމަށެވެ.
ދެ ގައުމަކީވެސް ނިއުކްލިއަރ ބާރުވެރިކަން ހާސިލުކޮށްފައިވާ ގައުމުތަކެއް ކަމަށްވުމުން އެ މައްސަލައަށް ހައްލެއް ގެނެވުމާއިއެކު އެކި ފުރުސަތުތަކުގައި ޓްރަމްޕުވަނީ އޭނާ ނިއުކްލިއަރ ހަނގުރާމައެއް ހުއްޓުވާލެއްވިކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން އެތައް މިލިއަން ފުރާނައެއް ސަލާމަތްކުރެވުނު ނަމަވެސް އޭނާއަށް އެކަމުގެ އެއްވެސް ކްރެޑިޓެއް ނުލިބޭކަމަށްވެސް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
ނަމަވެސް ޕާކިސްތާނުން ޓްރަމްޕުގެ ދައުރު ބަލައިގަންނަކަމަށް ފެނިގެންދާއިރު އިންޑިއާއިން ބުނާގޮތުން އެ މައްސަލައަށް ހައްލެއް އައީ ޕާކިސްތާނުގެ ދެމެދު ގާއިމުކުރެވުނު އެއްބަސްވުމެއް މެދުވެރިކޮށެވެ. ޕާކިސްތާނުގެ ސަރުކާރުން އާންމުކުރި މެސެޖެއްގައި ބުނެފައިވާގޮތުން ޓްރަމްޕުވަނީ ދެ ގައުމުގެ މައްސަލަ ފިނިކޮށް ހާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި އަވަސް ފުރިހަމަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެ މަސައްކަތްތަކަކީ ސުލްހައަށްޓަކައި ޓްރަމްޕު ކުރައްވަމުންދާ މަސައްކަތްތަކުގެ މިސާލެއްކަމަށްވެސް ސިފަކުރިއެވެ.
ސަރުކާރުތަކަށް އެކި މީހުންގެ ނަން އެ އިނާމަށް ހުށައެޅުމުގެ ފުރުސަތު އޮތްއިރު މިކަމާއިމެދު އެމެރިކާގެ ސަރުކާރުންނާއި އިންޑިއާގެ ސަރުކާރުން ކޮމެންޓެއް ކޮށްފައިނުވެއެވެ. ބައެއް އެނަލިސްޓުން ބުނާގޮތުން ޕާކިސްތާނުގެ އެ ނިންމުމުގެ ސަބަބުން އިސްރާއީލާއި އީރާނުގެ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ވަނުމަށް ޓްރަމްޕު ފަސްޖެހުން އެކަށީގެންވެއެވެ. ޕާކިސްތާނުންވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް އެ ގައުމުން ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފުވެފައިވާކަމަށް ބުނެފައެވެ.

