ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަމުގައި މަސައްކަތް ކުރަމުން ގެންދާ ބޭފުޅުން ފުރަތަމަ އާންމު މެމްބަރުންގެ ދިފާއުގައި މަސައްކަތްކޮށް، އެކުގައި މުޒާހަރާތަކާއި އިހުތިޖާޖުތަކަށް ނިކުތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލައިފި އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މޫސަ ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި އެންމެން ގޮވައިގެން ކުރިޔަށް ދާނެ ލީޑަރެއް ހުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ސިސްޓަމް އަތުރާލެވިފައި ވަނީ ވަކި މީހެއް، ނުވަތަ ވަކި ބައެއްގެ ފަހަތުން މަސައްކަތް ކުރަން ޖެހޭ ގޮތަށް ނޫންކަމަށާއި، ޕާޓީ ބިނާވެގެން ވަނީ ވެސް އެބައެއްގެ މައްޗަށް ނޫންކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ ތާރީހުގައި އަބަދުވެސް ފެނުނީ، ވަކި މީހެއްގެ މައްޗަށް ބިނާ، އޭނާ ބުނާ ބަހެއްގެ މައްޗަށް ޕާޓީ ހިންގި މަންޒަރު ކަމަށެވެ. އަދި އެފަދަ ވާހަކަތައް ގިނަ ބަޔަކު ފަށަނީ ރައީސް ނަޝީދާއި ހަމައިންކަމަށް މޫސަ ވިދާޅުވި އެވެ.
ޕާޓީގެ ލީޑަރަކަށް ވެވޭނީ، ހުރިހާ ރައްޔިތުން ކުރިޔަށް ނެރެގެން ނިކުންނަ މީހަކަށްކަމަށް މޫސަ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގައި ޕާޓީގެ ހިންގުމުގެ ކަންކަމުގައި މަސްއޫލުވެ ޖޯޝާއި ފޯރީގައި އެކަން ކުރާނެ ލީޑަރެއް ހުންނަން ޖެހޭކަމަށެވެ. މިސާލެއްގެ ގޮތުގައި 2012 ވެރިކަން ބަދަލުވުމަށް ފަހު އެމްޑީޕީން ސިލްސިލާކޮށް ކުރިޔަށް ގެންދިޔަ މުޒާހަރާތަކާއި އިހުތިޖާޖުތައް ފާހަގަކޮށް މޫސަ ވިދާޅުވީ ދުވަހުގެ ކޮންމެ ވަގުތެއްގައި އެއްވުންތައް ބޭއްވި ނަމަވެސް ޕާޓީގެ ލީޑަރުން އެ މައިދާނަކުން ފެންނާނެކަމަށެވެ. އަދި އެ ދުވަހެއްގެ އެކި ވަގުތުތަކުގައި އެއްވުމެއް އޮތް ނަމަވެސް، އެންމެ ކުރީ ސަފުން ލީޑަރުންނާއި އޭނާ ވެސް ފެންނާނެކަމަށް މޫސަ ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރަކަށް އުޅެވެނީ ހަރަކާތްތެރިވާ މީހަކަށް.. ސިޔާސީ ޕާޓީއެއްގެ ޙަޤީޤަތް ބޭނުމަކީ ލީޑްކުރާނެ މީހަކު އޮތުން.. އަޅުގަނޑުމެންގެ ސިސްޓަމް އޮންނަނީ ވަރަށް އެހެން ގޮތަކަށް މުޅި ޕާޓީ ބިނާވެގެން ވަނީ ވަކި މީހެއްގެ މައްޗަކަށެއް ނޫން.. އެކަމަކު އެމްޑީޕީގެ މުޅި ހަޔާތް މިދަނީ ވަކި މީހެއްގެ މައްޗަށް ބިނާކޮށް.. ގެން އަދި މިއަދުވެސް އެ ވާހަކަ ދައްކަން ވެސް އެބަ ބޭނުންވޭ ބައެއް މީހުން ރައީސް ނަޝީދުގެ ވާހަކަ ވެސް ދައްކަން ކަމަށް ބޭނުންވޭ.. އަޅުގަނޑަށް ހީވަނީ ލީޑަރޝިޕްގެ ތެރޭގައި ކަންތައްތައް ކުރަން އޮންނަ ގޮތް އަޅުގަނޑުމެން ވިސްނަންވީ ލީޑަރަކީ ކާކުތޯ.. އެ މީހާއަށް އަމިއްލައަށް ކުރިއަށް ނިކުންނަން ކެރިގެން އެކަން ކުރެވެނީ ނޫން ބަހަކަށް އޭގެ ބޭނުމަކީ ލީޑުކުރުން.. އަޅުގަނޑުމެންނަށް ލީޑްކޮށްދޭނެ މީހަކު އެބަ ހުންނަންޖެހޭ އެމްޑީޕީގެ އަބަދުވެސް ލީޑުކުރާނެ މީހަކު ހުންނަންޖެހޭ.. މިހާރު ވާ ގޮތަކީ ސަރުކާރާއި އިދިކޮޅަށް އެއްވުމަކަށް ގޮވައިލީ ވެސް އާދައިގެ އެކްޓިވިސްޓުން މި ދެންނެވި ޕާޓީގެ ހަމަ ވަރަށް ލޯއަށް މީހުން ކަމަށް ބޭނުންވާ މީހުންދާއިރުގައި ވެރިންނެއް ނުފެނޭ..
މޫސަ ވިދާޅުވި ގޮތުގައި ތަފާތު އެކި ކަންކަމާއި ދިމާކޮށް އެއްވުންތައް ބޭއްވުމަށް އިއުލާނު ކުރުމަށް ފަހު މިފަހުން އެމްޑީޕީގެ އެއްވެސް ލީޑަރެއް ނުފެނެ އެވެ. އަދި ކޮންމެ ހަރަކާތެއް ވެސް ކުރިޔަށް ގެންދަނީ ޕާޓީއަށް ވަފާތެރި އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންކަމަށް މޫސަ ވިދަޅުވި އެވެ.
މިހާރު ޕާޓީގައި އުފެދިފައި އޮތް ރިޔާސީ ރޭހުގެ ވާދަވެރިކަމާއި ގުޅޭގޮތުން މޫސަ ވިދާޅުވީ ޕާޓީގެ 20 އަހަރުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ޓިކެޓަށް ޝައުގުވެރިވެ މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރުކަމަށެވެ. އަދި 2008 އަށް ފަހު އެފަދަ ފުރުސަތެއް ޝައުގުވެރިކަން ހުރެމެ، ބައެއް މީހުންނަށް ނުލިބި ދިޔަކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ޑިމޮކްރަސީއެއްގައި ގިނަ ބަޔަކު ރިޔާސީ ޓިކެޓަށް ވާދަކޮށް، ރިޔާސީ އިންތިހާބަށް ނިކުތުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުންގެ ފަރާތުން ރިޔާސީ ޓިކެޓަށް އޮތް ޝައުގުގައި ކުރާ މަސައްކަތް ފިޔަވައި ދެން ކުރީ ކީއްތޯ މޫސަ ސުވާލު އުފެއްދެވި އެވެ.
މޫސަ ވިދާޅުވީ ރިޔާސީ ޓިކެޓަށް ޝައުގު ހުރި ބޭފުޅުން މަސައްކަތް ކުރަންވީ، ވެރިކަމަށް އައުމުގެ ބޭނުމުގައި ނޫންކަމަށާއި އޭގެ ބަދަލުގައި އާންމުންނާއި އެކު ގުޅުން ބަދަހިކޮށް އިހުލާސްތެރިިކަމާއި އެކު މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި އާންމުންނާއި އެކު މުޒާހަރާއަށް ވެސް ނިކުތުމަށް ވެސް މޫސަ ގޮވާލި އެވެ.
އެ ވާހަކަ މި ދައްކަނީ.. އެއެއް ނުފެނޭ އެކަމަކު އެއްކަމެއް އެބަ ހިނގަމުންދޭ.. އެއީ ވެރިކަމަށް ތައްޔާރުވާން އުޅޭ.. ރަނގަޅު ކަމެއް އިނގޭތޯ.. އަޅުގަނޑުމެން ހަމަ ވަރަށް މަރުޙަބާ ކިޔާ ކަމެއް އެމްޑީޕީގެ ތެރޭގައި.. ގިނަ މީހުން ވާދަކޮށްގެން ރަނގަޅު ވެރިއަކަށް މީހަކު ހޮވުން.. އެއީ ހަމަ އެހެން ޕާޓީއެއްގައި ނުކުރޭ އަޅުގަނޑުމެންނާއި އެއްވަރަށް ކުރާކަށެއް.. މިހާތަނަށް އަޅުގަނޑުމެންނަށް ވެސް ނުލިބޭ ފުރުސަތެއް އެމްޑީޕީއަށް މި ލިބުނީ.. ގާތްގަނޑަކަށް އެމްޑީޕީގެ ވިހި ވަނަ އަހަރު މި ނިމެނީ ހަގީގަތުގައި ގިނަ ކެންޑިޑޭޓުން ވާދަކޮށްލާނެ ފުރުސަތު.. އެކަމަކު އަޅުގަނޑު މި ބުނާ ވާހަކައަކީ ކެންޑިޑޭޓުންނަށް ނިކުންނަ އެންމެންވެސް ތިބެންޖެހޭ ޕާޓީގެ ގޮތުގައި.. އެ ޕާޓީ ކުރިއަށް ނެރެގެން ޕާޓީ ދައްކަންޖެހޭ.. ކެންޑިޑޭޓަކަށް ވެއްޖެއްޔާ ވެރިކަމާ ދިމާލަކަށް ނޫނޭ ދާނީ.. އާންމު މެންބަރުންނާ އެކީ މުޒާހިރާއެއް.. ވެސް ނިކުންނަން ޖެހޭނެ.. ނިކުންނަން.. ކެރޭށޭ.. އެ ހުރިހާ ކެންޑިޑޭޓުން ވަޑައިގަންނަވާށޭ
2026 ވަނަ އަހަރުގެ ކުރީކޮޅު އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވެސް ކެންޑިޑޭޓުން ނެރެ ވާން ޖެހޭ ތައްޔާރީތައްވުމަށް މޫސަ ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީގެ އެތެރޭގައި ރިޔާސީ ރޭހަށް ޝައުގުވެރިކަން ހުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން މާލޭގެ މޭޔަރ އަލީ އާޒިމްއާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ހިމެނެ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ނިންމަވާފައިވާއިރު އެމަނިކުފާނު ވެސް ވަނީ އިންތިހާބުގައި ވަދަކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ހާމަކުރައްވާފަ އެވެ.

