2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާހިލް ނިންމަވައިފިއެވެ.
ރައީސް ޞާލިހް އިންތިހާޞުގައި ވާދަކުރައްވާނެކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ސަންގަށް ކަށަވަރުކޮށްދީފައެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި ސަންގުން ވަނީ ރައީސް ޞާލިހްއަށް ވެސް ގުޅުއްވާފައެވެ، އެހެންނަމަވެސް އެމަނިކުފާނު ފޯނަށް ޖަވާބު ދީފައިނުވެެވެ. 2028ގެ ރިޔާސީ އިންތިހާބަށް މިވަގުތުވެސް އެމްޑީޕީގެ ތެރޭގައި ބޮޑު ކިޔުއެއް ވަނީ ހަދާފައެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގިނަ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވާފައި ވާއިރު ބައެއް ބޭފުޅުން ވަނީ އެކަން އިއުލާނުވެސް ކުރައްވާފައެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާން ނިންމަވާފައިވާ ބޭފުޅުންގެ ލިސްޓުގައި ރައީސް ޞާލިހްގެ އިތުރުން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާއި، ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި، މޭޔަރ އާދަމް އާޒިމްއާއި އަދި ރައްޔިތުންގެ މަޖިލިސް މެމްބަރު ޑރ. ޝަމްހީދް ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބޮޑު ފޯރިއަކާއި އަދި ވާދަވެރިކަމެއް އޮތް އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓުން ވަނީ އެމްޑީޕީއަށް ގުޅެން ނިންމަވާފައެވެ. ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަ ކުރައވާނެތޯ ނުވަތަ ނުކުރައްވާނެ ތޯ އަދި އިއުލާނުކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރައްވައިފިނަމަ ތާއީދު އޮތްތޯ ބެލުމަށް ޕޯސްޓެއް ވަނީ ކުރައްވާފައެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ދެކެނީ 2028ގެ ރިޔާސީ އިންތިހާބުގެ ރޭހުން އެމަނިކުފާނުގެ ނަންވެސް ފެނިގެން ހިނގައިދާނެ ކަމަށެވެ. ރައީސް ނަޝީދު އަލުން އެމްޑީޕީއަށް ގުޅެން ނިންމާފައިވާއިރު، އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ބާއްވާ ޖަލްސާ މާދަމާ ސަލްޓަން ޕާކުގައި 21:00 ޖަހާއިރު ބޭއްވުމަށް އޮތީ ހަމަމެހިފައެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި ރައީސް ޞާހިލް މި ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެއެވެ. އެއީ އެމަނިކުފާނު ހުންނެވީ މެލޭޝިއާގައި ކަމަށް ވާތީއެވެ.
އިންތިހާބަށް ބޮޑު ވާދަވެރިކަމެއް އޮތް އިރު 2023ގެ ރިޔާސީ އިންތިހާބުގައި ވެސް ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފައެވެ. މައްސަލަތައް ޖެހެން މެދުވެރިވި މައިގަނޑު ސަބަބަކީވެސް އެއަހަރުގެ ރިޔާސީ އިންތިހާބެވެ. އެހެންކަމުން މިފަހަރު އަނެއްކާވެސް ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިއްޖެ ހާލަތެއްގައި އެމްޑީޕީގައި ކޯޅުންގަނޑު އިތުރުވެދާނެ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެމްޑީޕީގެ ކަންކަން ކުރިއަށް ވުރެ ގޯސް ވެދާނެ ކަމަށްވެސް ޕީއެންސީގެ މެމްބަރުން ދެކެކއެވެ.

