އިސްރާއީލާއި އީރާނުގެ ދެމެދު ހަމަލާތައް ހުއްޓާލާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރެއްވި ނަމަވެސް ދެ ގައުމުންވެސް ހުއްޓާލާފައިނުވާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ބުނެފިއެވެ.
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލު ހަމަލާއެއް ދީފައިވަނިކޮށް އެމެރިކާގެ ރައީސް ޓްރަމްޕުވަނީ އިސްރާއީލާއި އީރާނުގެ ދެމެދު ހައްލެއް ފެނިފައިވާކަމަށް އިއުލާނުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދެ ގައުމުންވެސް އެއްކޮށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާކަމަށެވެ. ނަމަވެސް ކަނޑައެޅި މުއްދަތަކަށް ފަހުވެސް އީރާނުން އިސްރާއީލަށް ވަރުގަދަ މިސައިލު ހަމަލާތަކެއް ދީފައިވާކަމަށް ބުނެފައިވެއެވެ.
އިސްރާއީލުގެ ނޫސްތަކުން ބުނާގޮތުން އީރާނުގެ ހަމަލާތަކުގެ ސަބަބުން ރައްޔިތުންވަނީ ރައްކައުތެރިކަން ހޯދުމަށްޓަކައި ބޮމް ޝެލްޓަރ ތަކަށް ގޮސްފައެވެ. އަދި ބައެއް މީހުން މަރުވެފައިވާކަމަށް ބުނާއިރު ޓްރަމްޕު އިއުލާނުކުރެއްވި އެއްބަސްވުމަށް އިޖާބަ ދީފައިވާކަން ރަސްމީ ސިފައެއްގައި އިސްރާއީލުގެ ސަރުކާރުން އިއުލާނުކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދިނީ އެ ގައުމުގެ އެންމެ މުހިންމު އެއް ނިއުކްލިއަރ ފެސިލިޓީއަށް އެމެރިކާއިން ހަމަލާ ދީފައިވުމުގެ ރައްދެއްގެ ގޮތުގައެވެ. އެމެރިކާއިންވަނީ ފޯޑޯރގެ ނަމުގައި ގާއިމުކޮށްފައިވާ މަރުކަޒަށް ނިއުކްލިއަރ ނޫން އެ ގައުމުގެ އެންމެ ވަރުގަދަ ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދީފައެވެ. ނަމަވެސް މި ހަމަލާގެ ސަބަބުން އީރާނަށް އިޔާދަ ނުކުރެވޭ މިންވަރުގެ ގެއްލުންތަކެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.

