އެމްޑީޕީއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ މަސްރަޙުގައި ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކޮށްފައިވާ، އަދި ގިނަގުނަ ތަޖުރިބާތަކެއް ހޯދާފައިވާ ޤައުމުގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީއެވެ. މި ޕާޓީގެ ކާމިޔާބީތަކުގެ ތެރޭގައި 2008 ވަނަ އަހަރު 30 އަހަރުގެ ދިގު ވެރިކަމެއް ނިމުމަކަށް ގެނައުމާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ފަދަ މުހިންމު ކާމިޔާބީތައް ހިމެނެއެވެ.
އެމްޑީޕީގެ ދިގު ތާރީޚުގައި އެ ޕާޓީއަށް ލިބިފައިވާ އެންމެ ބޮޑެތި ނާކާމިޔާބީތަކުގެ ތެރޭގައި 2023 ގެ ރިޔާސީ އިންތިޚާބާއި އެއަށްފަހު ޖެހިގެން އައި އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީ ފާހަގަކޮށްލެވެއެވެ. ވަކިން ޚާއްސަކޮށް، ޒަމާންތަކެއް ވަންދެން އެމްޑީޕީގެ ކުލަ ޖެހިފައިވާ ގޮނޑިތައްވެސް ގެއްލިގެން ދިޔަ މަންޒަރު މަޖިލިސް އިންތިޚާބުގައިވެސް ފެނިގެން ދިޔައެވެ.
އެހެން އެކަން ދިމާވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވިގެންދިޔައީ ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުމާއި ކޯޅުންތަކެވެ. ޕާޓީގެ އެތެރޭގައި އެއް މެމްބަރަކު އަނެއް މެމްބަރަކާމެދު އުފެދުނު ވާދަވެރިކަމާއި، އޭގެ ތެރެއިން ނުކުމެގެން އައި ދެކޮޅުވެރިކަމެވެ. އެ ބައިބައިވުން ހަގީގަތުގައިވެސް ޕާޓީގައި ރެނދުލުމުގެ ސަބަބަކަށްވިކަން މިއީ ފެންނަން އޮތް ހަގީގަތެކެވެ. އަދި އެ ބައިބައިވުމުގެ ނަތީޖާގެ ސަބަބުން އެހެން ވާދަވެރި ޕާޓީތަކަށް އިންތިޚާބުގައި ދެމިގަތުމަށް ކޮށުނު މަގަކަށް ވެގެން ދިޔަކަންވެސް މިއީވެސް ހަގީގަތެކެވެ.
މިހާރު އަނެއްކާވެސް އޭރު ޕާޓީން ވަކިވި ބޭފުޅުން މިވަނީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ ކުރީގެ ނައިބްރައީސް އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވާހެން ޕާޓީގެ އިސް މުގުލުގައި ކުރިން ތިއްބެވި އެކި މޫނުތައް މިއަދު އަނެއްކާވެސް އެމްޑީޕީގެ ޖަލްސާއިން މިވަނީ ފެންނަން ފަށާފައެވެ. ސުވާލަކީ އޭރު ޕާޓީއަށް އެތައް ނުރުހުމުގެ ބަސްތަކެއް އަމާޒު ކުރައްވައި މިހާރު އެނބުރިވަޑައިގެން ހަމަ އެ ޕާޓީއަށް އިޚުލާސްތެރި ނިޔަތަކާއެކު، ޕާޓީގެ މުސްތަޤުބަލަށްޓަކައި އެބޭފުޅުން މަސައްކަތް ކުރައްވާނެބާއެވެ؟
އެހެން މަސައްކަތް ކުރައްވައިފިނަމަ ހަގީގަތުގައިވެސް އެމްޑީޕީއަށް އޭގެ ފައިދާ ބޮޑުވާނެއެވެ. ސަބަބަކީ ރައީސް ނަޝީދަކީވެސް އެމަނިކުފާނުގެ އެތައް ސަޕޯޓަރުންނެއް ތިއްބެވި، އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހުރިހާ ބާވަތެއްގެ ތަޖުރިބާއެއްވެސް ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވާތީއެވެ.
ދެން އޮތް ސުވާލަކީ، ރައީސް ނަޝީދާ އަރިސް ބޭފުޅުން އޭރު ޕާޓީން ވަކިވެވަޑައިގެން ޕާޓީއަށް އެ ލިބުނު ގެއްލުން ޕާޓީގެ ހުރިހާ މެމްބަރުންގެ ހިތުން ފިލައިގެން ގޮސްދާނެބާއެވެ؟ ސިޔާސީ ކަންކަމުގެ ޒާތުން ބޮޑަށް ޤަބޫލު ކުރެވެނީ ސިޔާސީ ކަންކަމުގައި މާފު ނުކުރެވޭ ވަރުގެ ކަންކަން ނުހުންނަ ކަމެވެ. ރާއްޖޭގެ ތާރީޚުން ފެންނަން އޮތީ އެ މަންޒަރެވެ.
އެހެންކަމަށްވާނަމަ، ދެން އޮތް އެންމެ ބޮޑު ސުވާލަކީ ޕާޓީގެ އެތެރޭގައި ވެރިކަމުގެ ޓިކެޓު ބޭނުންވެފައި ތިއްބެވިކަމަށް ބެލެވޭ ގިނަ ބަޔަކު ތިބިއިރު، ޕްރައިމަރީއެއް ބާއްވައި، އެ ޕްރައިމަރީން ކާމިޔާބުވާ ބޭފުޅެއްގެ ފަހަތަށް ދެން ތިއްބެވި ހުރިހާ ބޭފުޅުން އަރައި، އެމްޑީޕީގެ ކުރިމަގަށްޓަކައި އަމިއްލަ އެދުން އެއްފަރާތްކޮށް، ޕާޓީގެ ކެންޑިޑޭޓު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެބާއެވެ؟ އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި އިޚުލާސްތެރިކަމާއެކު ޕާޓީގެ އެތެރޭގައި ޕްރައިމަރީއެއް ބާއްވައި، އެ ޕްރައިމަރީން ކޮންމެ ކެންޑިޑޭޓަކު ކާމިޔާބުވިނަމަވެސް އެ ކެންޑިޑޭޓެއްގެ ފަހަތަށް މުޅި ޕާޓީ އަރައިފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބުވުމުގެ ފުރުސަތު ނުހަނު ބޮޑެވެ.
ވަކިން ޚާއްސަކޮށް ރާއްޖޭގައި ވެރިކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ދެ ދައުރެއް އަދި އެއްވެސް ރައީސަކަށް ލިބިފައިނުވުންވެސް އޭގެ ސަބަބެއްގެ ގޮތުގައި ހިމެނެއެވެ.
އެހެންނަމަވެސް، ޕްރައިމަރީގެ ނަތީޖާއާއެކު ޕާޓީ އަލުން ބައިބައިވެ، އެކިއެކި ފެކްޝަންތައް އުފެދި ޕާޓީ ވިއްސިވިހާލިވެއްޖެނަމަ ފަހަރުގައި އެ ބައިބައިވުމުގެ ފައިދާ ވާދަވެރި ޕާޓީތަކަށް ލިބިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. 2023 ތަކުރާރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ފަހަރުގައި ދެވަނަ ދައުރެއް ރާއްޖޭގެ ރައީސަކު ކާމިޔާބު ކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

