ހާފިޒުންނަށް ދޭ އެލެވަންސް ދެ ގުނައަށް ބޮޑުކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައްޔިތުންނަށް ވައުދުވެފައިވާ ކަންތައްތަކުގެ ތެރެއިން ޙާފިޒުންނަށް ދޭ އެލެވަންސް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް މި ހަފްތާގައި އޮތް ވަޒީރުން މަޖިލީހުގައި ވަނީ ނިންމައިފައިކަމަށެވެ.
މީގެއިތުރުން، ހާފިޒުން ތަމްރީނުކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތިގުރުއާނަށް އޮތް ލޯބި އިތުރު ކުރުމުގައި ވަރަށް މުހިއްމުކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ގެންދަނީ ހާފިޒުންގެ ބުރަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ހާފިޒުން ދަސްވެނިވުމަށްޓަކައި ހާއްސަ ޖަލްސާއެއް މި އަހަރުގެ ރޯދަމަހުގެ 27 ވިލޭރޭގައި ބާއްވައިފައެވެ. މިއީ ހާފިޒުކަމުގެ ސަނަދު ހޯދާ މީހުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

