ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ހަގީގަތަކަށް ހެދުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް ޑރ. މުޢިއްޒުގެ އިރުޝާދާއި ލަފާގެ ދަށުން ކަމަށެވެ. އަދި އެކަމަށްޓަކައި އެ މަނިކުފާނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އައު ޓާމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނަ ކަމަށެވެ. އެގޮތުން ޓާމިނަލް ހުޅުވުމުގައި އަމަލުކުރަން އަންނަނީ ބައިނަލްއަގުވާމީ ގޮތުން އަމަލު ކުރަންޖެހޭ އެންމެ މަތީ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް ވެސް ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްއަކީ ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރައްވާނެ ކަމަށެވެ. އެކަމަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާޕޯޓް ތަކާއެކު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މޮޑާލިސް ކުންފުނީގެ ހިޔާލާއި މަޝްވަރާ ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އާ ޓާމިނަލުގައި ތަފާތު އާ ޓެކްނޮލޮޖީ ބޭނުންކުރާނެ. އެތެރެއާއި ބޭރުގައި ދިވެހިވަންތަ ސިފަތައް ފެންނާނެ. ފަސިންޖަރުންނަށް ފަސޭހަ އާއެކު ހިނގާލައި، ވަގުތު ހޭދަކޮށްލެވޭނެ ޖާގަ އޮންނާނެ
72.000 އަކަ މީޓަރު ބޮޑު އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ޤާއިމްކޮށްފައި ހުންނާނެއެވެ.

