އައްޑޫ ސިޓީއަށް އަމާޒުކޮށްގެން، އިމިގްރޭޝަނުން ”އޮޕަރޭޭޝަން ހަމަމަގު“ ގެ ނަމުގައި ރެއިޑު އޮޕަރޭޝަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަނުން މައުލޫމާތު ދެމުން ބުނެފައި ވަނީ، ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ދަނީ ރެއިޑު އޮޕަރޭޝަންތަކެއް ހިންގަމުންކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ އައްޑޫ ސިޓީއަށް ހާއްސަކޮށްގެން މި އަހަރުގައި އިމްގުރޭޝަނުން ހިންގާ އެންމެ ބޮޑު އޮޕަރޭޝަންކަމަށްވާ، އޮޕަރެޝާން ހަމަމަގު މިއަދު ފަށައިފިކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ގިނަ ރަށަކަށްވެފައި، އެ މައްސަލަ ބޮޑުވުމާއިއެކު، މި އޮޕަރޭޝަން ހިންގަނީ މުޅިއައްޑޫ ސީޓީއަށް އަމާޒުކޮށްގެން، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރުމަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނަކީ ޓާސްކު ފޯސްއިން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަނަކަށްވާއިރު، މި ރެއިޑު އޮޕަރޭޝަނުގައި އޮންފޯސްމަންޓު އެންޑު ކޮމްޕްލައިޔަންސް ޑިވިޝަންއާއި އައްޑޫ ސިޓީ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭނެހެން، ޖުމަލް 35 އޮފިސަރުން ހިމެނެއެވެ. މީގެއިތުރުން، އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުނގެ ބައިވެރިވުން މި އޮޕަރޭޝަނުގައި ވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމަޔަށެވެ. އަދި މި އޮޕަރޭޝަނުގައި ގަވާއިދާއި ހިލާފަށް އުލޭ ބިދޭސީން ދެނެގަނެ، އެ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް، މާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެނެވޭނެކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި އެ ބިދޭސީން ލައްވާ މަަސައްކަތްކުރުވާ، ދިވެހީންނަށް ނޯޓިސް ދެވޭނެކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ އަދި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއި އިމިގްރޭޝަނުން ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި، އޮޕަރޭޝަން ކުރަންގިހިމެނެއެވެ. އަދި ސަރުކާރުން ގެންދަނީ ރެއިޑު އޮޕަރޭޝަންތައް ހިންގައި، ސައްހަ ލިޔެކިޔުންތައް ނެތް ބިދޭސީން ހޯދައި، އެފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ދިވެހިރާއްޖޭގެ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

