އިދިކޮޅު މައި ޕާޓީގެ އެތެރޭގައި އޮތީ ވާދަވެރިކަމެއްކަމަށާއި، ރިޔާސީ ޓިކެޓުގެ ސަބަބުން ޕާޓީގެ އެތެރޭގައި ފެކްޝަންތަކެއް އުފެދިފައިވާކަމަށް ބެލެވިދާނެކަމަށް ގަބޫލު ނުކުރާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ މައުލޫމާތު ދިނުމަށް، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒާއި އެކު ދެން ބައިރިވެރިވެޑައިގަތީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. މި ޕްރެސްގައި ނޫސްވެރިންގެ ސުވާލުތައް އަމާޒުވީ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި ގުޅިވަޑައިގަތުމާއި، އޭރު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ އިތުރުން ރިޔާސީ ރޭހުގެ ވާދަވެރިކަމާއި ގުޅޭގޮތުންނެވެ.
2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް އަވަހަށް ދެއްކުމަށް ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ވެސް ކުރިޔަށް އޮތް އިރު، ޕާޓީގެ އެތެރޭގައި ސިއްރިއްޔާތުގައި އާއި ފާޅުކަން ބޮޑު ގޮތެއްގައި އެކި ބޭފުޅުން ދަނީ ކެމްޕެއިން ކުރައްވަމުންނެވެ. ޕާޓީގެ އެތެރޭގައި ކެމްޕެއިންތައް ކުރެއްވުމާއި އެކު ބައެއް ބޭފުޅުންގެ ގުޅުން ގޯސްވެފައިވާކަމަށް ވާހަކަ ދެކެވެ އެވެ.
ހިޔާލުތަފާތުވުންތަކާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ފައްޔާޒް ވިދަޅުވީ އޭނާއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެމެދުގައި ވެސް އެއްވެސް މައްސަލައެއް ނުވަތަ ހިޔާލުތަފާތުވުންތައް އުފެދިދާނެކަމެއް ދިމާވެފައި ނެތްކަމަށެވެ. އަދި އޭނާގެ އިތުރުން ޝާހިދު ވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާކަމަށާއި ވަކި ބޭފުޅަކަށް ރިޔާސީ ޓިކެޓު ލިބިގެން ނުވާނެކަމަށް ދެކި ކުރާ މަސައްކަތެއް ވެސް ނެތްކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އެހެން ޕާޓީތަކުގައި ރިޔާސީ ރޭހަށް ޝައުގުވެރިކަން ހުންނަ ބޭފުޅުންނަށް ހިޔާލުފާޅު ކުރުމުގެ ފުރުސަތެއް ނުލިބޭކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ ތެރޭގައި އެކަމަށް ޖާގަ އެބައޮތްކަން ފާހަގަކުރެއްވި އެވެ.
ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން މެސެޖެއް މެދުވެރިކޮށް ފައްޔާޒް މީގެ ކުރިން ހާމަކޮށްފައި ވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ވިދާޅުވީ، އަދިވެސް ހުންނެވީ އެ ވިސްނުމުގައިކަމަށެވެ. އަދި ބައެއް ބޭފުޅުން ސިއްރުން މަސައްކަތް ކުރެއްވި ނަމަވެސް، އޭނާއަށް އަބަދުވެސް ހާމައަށް ބަސް ބުނަން ކެރޭނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފެކްޝަންގެ ވާހަކަތަކާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ އުސޫލުތައް ހިނގަމުން ދަނީ ހަރުދަނާކޮށް ކަމަށެވެ. އެހެންކަމުން ޕާޓީ ރަނގަޅު މިސްރާބަށް ދާތީ އެކަމާ އުނދަގޫވާނެ ބަޔަކު ތިބޭނެކަމަށާއި، ފެކްޝަނެއްގެ ވާހަކަ ދައްކަވަނީ އެފަދަ ބޭފުޅުންކަމަށް ޝަހިދު ވިދާޅުވި އެވެ. ޝާހިދު ޕްރައިމެރީގައި ވާދަކުރައްވާނަންތޯ އާއި ވެރިކަމަށް ޝައުގުވެރިވޭތޯ ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދެއްވި އެވެ. އަދި ނުސީދާކޮށް ކެމްޕެއިން ކުރަމުން ގެންދާކަމަށް ނޫސްވެރިއަކު ފާހަގަކުރުމުން ވިދާޅުވީ، ދަތުރުތައް ކުރައްވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ އޭނާގެ ފޯކަސްއަކީ 2026 ގެ ކައުންސިލް އިންތިހާބުކަމަށާއި، މިވަގުތު ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ

