ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ކައުންސިލްގެ ބޮޑެތި ޝަކުވާތަކެއް؛ މޭޔަރު ސަސްޕެންޑުކޮށް މެމްބަރުންނަށް ފިޔަވަޅު!

ތިނަދޫ ކައުންސިލްގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ތިނަދޫ ސިޓީ ކައުންސިލާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅޭ އިންކުއަރީއެއް ހެދުމަށް ފަހު މޭޔަރު ސައުދު އަލީއަށް މުސާރަ ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑު ކުރުމަށް ނިންމައިފި އެވެ.

އެ އިދާރާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މި ފިޔަވަޅު އެޅީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ނަމަވެސް ސައުދު އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާތީ ކަމަށެވެ.

މި މައްސަލައިގައި އެލްޖީއޭ ވަނީ ތިނަދުއަށް ގޮސް، ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކޮށް ބަޔާން ނެގުމަށް ފަހު ލިޔެކިއުންތައް ކައުންސިލުން ހޯދާފަ އެވެ. އެލްޖީއޭގެ ޓީމެއް ދަތުރުކޮށް ލިޔެކިއުންތައް ހޯދައި ކުރި ދިރާސާ ރިޕޯޓަށް ފަހު ޖަވާބުދާރީވުމަށް ކައުންސިލަށް ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.

ކައުންސިލާއި ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފެންމަތިކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކައުންސިލަށް އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލުމާއި، އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެނިހެން އިދާރާތަކުން މައުލޫމާތަކަށް އެދި ފޮނުވުމުން، އަޅާނުލައި ދޫކޮށްލުން ހިމެނެ އެވެ.

ތިނަދޫއިން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން 5،000 ރުފިޔާގެ ފީއެއް ކައުންސިލުން ނަގަމުން ދާތީ، ޝަކުވާ ލިބި އެލްޖީއޭ ވަނީ އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އަންގާފަ އެވެ. ފިޔަވަޅު އެޅި މައްސަލަތަކުގެ ތެރޭގައި ކައުންސިލުން، އެލްޖީއޭގެ އެންގުމަށް އަމަލު ނުކުރުން ހިމެނެ އެވެ.

ކައުންސިލުން ފިނޭންސް މިނިސްޓްރީއަށް ނޭނގި، ކައުންސިލްގެ ބިޑް ކޮމިޓީއާއި ބިޑް އިވެލުއޭޝަން ކޮމިޓީއަށް އެލަވަންސް ދީފައި ވެއެވެ. މިފަދަ އެކި މައްސަލަތަކާއި ގުޅޭގޮތުން ކައުންސިލާއި ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަން ފެށުމުން، ކޮމިޝަނަށް ކައުންސިލްގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވެއެވެ.

ކައުންސުލުން ވަނީ ގާނޫނާއި ހިލާފަށް، އުސޫލުން ބޭރުން މުވައްޒަފުން ނަގައި ވަކި ފަރާތްތަކަށް މަންފާވާ ގޮތަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓު ކަންކަން ކުރިޔަށް ގެންދިއުން ހިމެނެ އެވެ.

މޭޔަރާއި ދެކޮޅަށް ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި، ކައުންސިލުން އިއުލާނު ކުރި މޮނިއުމަންޓް ޕްރޮޖެކްޓަކަށް އޭނާގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓުތަކަށް ޖަމާކުރިކަމުގެ މައްސަލަ ހިމެނެއެވެ.

ކައުންސިލްގެ މެމްބަރުން އެކި ހުށަހެޅުންތައް ފޮނުވި ނަމަވެސް، ކައުންސިލްގެ ޖަލްސާއަށް އެ ކަންކަން އެޖެންޑާކޮށްފައި ނުވުމަކީ ވެސް އެލްޖީއޭ ބަލާފައިވާ މައްސަލައެކެވެ. އަދި އިދާރީ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ވަކި މަސައްކަތްތަކެއް ކުރުވުން ހިމެނެ އެވެ.

މީގެއިތުރުން އެލްޖީއޭ ބުނީ ކައުންސިލުން ވަނީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަދީ ސިޓީ ކައުންސިލެއް ނުއުފެދެނީސް ސިޓީ ކައުންސިލްއެއްގެ މޭޔަރާއި މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ނަގާފައި ކަމަށެވެ.

މި މައްސަލަތަކަށް ބަލާއިރު، އެލްޖީއޭ ބުނި ގޮތުގައި ކައުންސިލް ހިންގުމާއި އެކަންކަން ރަނގަޅު މަގުން ދޭތޯ ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެކެވެ.  އެހެންވެ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް މޭޔަރު އަމަަލު ކޮށްފައިވާތީ ތިން މަސް ދުވަހުގެ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރަން ނިންމީ މުސާރަ އާއި އިނާޔަތް ވެސް ނުލިބޭ ގޮތަށެވެ.

މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ގާނޫނާއި ހިލާފުވެފައި ވާތީ، އޭނާއަށް މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ސަސްޕެންޑުކޮށްފައި ވަނީ އެއް މަސް ދުވަހަށެވެ.

ރިޕޯޓާއި ގުޅިގެން އެލްޖީއޭއިން މެމްބަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅައި ވަނީ، އިތުރަށް ނަގާފައިވާ މުސާރައާއި އިނާޔަތް ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންއަށް ނަސޭހަތް ދީ، އޭނާ ވެސް އިތުރަށް ނަގާފައިވާ މުސާރައާއި އިނާޔަތް އަނބުރާ ދެއްކުމަށް ވަނީ އަންގާފަ އެވެ.

އިންކުއަރީ ރިޕޯޓުގައި ފާހަގަކުރެވިފައިވާ ވަކިވަކި މައްސަލަތަކާއި ގުޅިގެން، ކައުންސިލްގެ އިދާރީ ސެކްރެޓަރީ ޖެނެރަލްއާއި އިދާރީ މުވައްޒަފުންގެ މައްސަލައެއް އޮތް ނަމަ ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަށް އެލްޖީއޭއިން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: