ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓު ހަބެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑު ފެމިލީ ޑިވެލޮޕްމަންޓާއި ޒަކާޓު ހައުސްއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުނު އިރު، މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފެމިލީން ސޮއިކުރެއްވީ މިނިސްޓްރ އޮފް ސްޓޭޓް އިބްރާހިމް އިސްމާއިލުއެވެ. އަދި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ އައްޝައިޚް ޢިއްޒައްދީން އަދްނާންއެވެ.
މި އެއްބަސްވުމުގެ ދަށުން ގާއިމުކުރެވޭ، ”އެމްޕަވަރމަންޓު ހަބް“ ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިމާރަތްކުރަމުން އަނަން ހުޅުމާލެ ފޭސް 2 ގެ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން އަމާން އުދަރެސް ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ. އަދި މި އެއްބަސްވުމުގެ މުއްދަތަކީ 25 އަހަރު ދުވަހެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން، އެމްޕަވަރމަންޓު ހަބެއް ގާއިމުކުރުމުގެ މަގްސަދަކީ، ރާއްޖޭގެ އާބާދީގެ ނިސްބަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާބާދީ އިތުރުވަމުންދާތީ، އެ ފަރާތްތަކުން ރަސްމީ ތައުލީމު ހާސިލުކުރުމަށްފަހު، މުޖުތަމައުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ތަރައްގީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމުގެ އިތުރުން އެ ފަރާތްތައް ބާރުވެރިކުރުމުގެ ގޮތުން ދީނީ ޕްރޮގުރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށެވެ. އަދި އެ ފަރާތްތަކަށް ލިބެންޖެހޭ މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތުތައްވެސް ހޯދައިދިނުމަށް މި ހަބުން މަސައްކަތްކުރާނެއެެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމްކުރުމަށްޓަކައި ޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީތެރިކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފަރާތުން އެދިފައިވާތީ، އެކަމަށް އެހީތެރިވެ ހަބް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ދޫކުރުމަށް ނިންމާފައިވަނީ 19 މާރިޗު 2025 ގައި ބޭއްވުނު ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައެވެ.

