ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އަހަރު؛ މައްސަލަ ޖެހެނީ ކޮންމެ ފަހަރަކު ރިޔާސީ ރޭހާއި ހިސާބުން!

ރިޔާސީ އިންތިހާބު - 2008 : ރައީސް ނަޝީދުގެ ކެމްޕެއިން ޕޯސްޓެއް / ފޮޓޯ - އެމްޑީޕީ ވަތަން އެދޭ ގޮތަށް ޕޭޖު
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ގެއްލުނު ފުރުސަތާއި އެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލައަށް އަރުވާލެވިގެން ދިރިއުޅުއްވަމުން އައީ އިނގިރޭސިވިލާތުގަ އެވެ. ރާއްޖެއަށް ވެސް އާދެވޭނެ ފުރުސަތެއް ނެތުމާއި އެކު، އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އެ އަހަރުގެ ރިޔާސީ އިންތިހާބު ނިމި 2023، ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. އެދުވަހު މުޅި މާލެ އެއްކޮށް ރީނދޫކުލައިން ޖަރީކޮށް، މަގުތަކަށް އެތައް ހާސް ބަޔަކު ނިކުތެވެ. އެކުގައި ކޮނޑާއި، ކޮނޑު ޖައްސަވައިގެން ހިންގަމުން ގެންދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ދުވަހު ދެބޭފުޅުންގެ މެދުގައި އޮތް ގާތް ގުޅުމާއި، އެކުވެރިކަމަށް ބަލައި އެކަން ހުތުރު ގޮތަކަށް ނިމިގެން ގޮސްދާނެކަމަށް އެއްވެސް ބަޔަކު ހިތަކަށް ނާރާނެ އެވެ. ރައީސް ނަޝީދާއި، ރައީސް ސޯލިހު އެ ދުވަހު ތިއްބެވީ ސިޔާސީ ގޮތުން އެންމެ އުހުގަ އެވެ.

ސިޔާސީ މައިދާނަށް ދިވެހިން ލޯ ހުޅުވެން މެދުވެރިވި އެންމެ ބޮޑު އެއް ބަޔަކީ އެމްޑީޕީ އެވެ. 2007 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައީ 30 އަހަރުގެ ވެރިކަމެއް ނިމުމަކަށް ގެނައުމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން، މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ފުރަތަމަ ފަހަރަށް ގިނަ ކެންޑިޑޭޓުން އެކުލެވޭ އިންތިހާބަކަށް 2008 ގައި އިއުލާނު ކުރުމާއި އެކު އެމްޑީޕީން ނިންމީ ޕާޓީގެ އެތެރޭގެ ޕްރައިމެރީއެއް ބޭއްވުމަށެވެ. އެއީ އެންމެންގެ އަޑު އެކުލެވޭ، އެންމެން އެއްބަސްވާ ކެންޑިޑޭޓެއް ގެނައުމުގެ ބޭނުމުގަ އެވެ.

އޭރުގެ އެކި މައުލޫމާތުތައް ފެންނަން ހުރި ނޫސްތަކުގައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، ޓިކެޓަށް ވާދަކުރުމަށް އެމްޑީޕީން ޕްރައިމެރީއަކަށް ހުޅުވާލީ 2008 ފެބްރުއަރީ 25 ގައެވެ. އެގޮތުން އޭރު ގައުމީ މަޖިލީހުގެ މެމްބަރަކަށް ހުންނެވި އުބެއިދުﷲ މުއާޒު ވިދާޅުވެފައި ވަނީ ވޯޓު ލެވޭނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ތިބި މީހުންނަށް ކަމަށެވެ. އޭރު އީސީގެ ދަފްތަރު ވަނީ އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 19،402 މެމްބަރުން ކަމަށެވެ.

އިންތިހާބަށް ތައްޔާރުވެ، ޕާޓީން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ލިސްޓު އާންމުކޮށް، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި އެވެ. އެންމެ ފުރަތަމަ ވެސް ޖެހުނު މައްސަލައަކީ ދަފްތަރުގައި އޮޅުވާލުންތަކެއްވާ ކަމަށެވެ.

އެ އިންތިހާބުގައި އޭރު ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުނައްވަރު މުހައްމަދާއި، އޭރުގެ ގޮތުން ނަމަ ޝެޑޯ ކެބިނެޓުގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ އިތުރުން ރައީސް މުހައްމަދު ނަޝީދެވެ.

އިންތިހާބުގައި ބޮޑެތި މައްސަލަތައް ދިމާވިއިރު، އޭގެ ތެރޭގައި ޕްރޮކްސީ ވޯޓުގެ މައްސަލަ ހިމެނެ އެވެ. އެއީ ބަދަލުގެ ގޮތުގައި އިތުރު މީހަކު ގޮސް ވޯޓު ލުމަށް ފުރުސަތު ހުޅުވާލުމުން 261 ފޯމެއް ލިބިފައި ވަނިކޮށެވެ. އޭގެ ތެރެއިން ސައްހަ ޕްރޮކްސީ ފޯމުކަމަށް 238 ފޯމެއް ކަނޑައެޅި އެވެ. ޕްރޮކްސީ ވޯޓަށް ދެކޮޅު ނޫން ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދެވެ. މުނައްވަރާއި ރީކޯ މޫސަ ވިދާޅުވަމުން ގެންދެވީ މިއީ ވޯޓުލުމުގެ ރޫހާއި ވެސް މުޅިން ހިލާފުކަމެއްގެ ގޮތުގަ އެވެ.

މައްސަލަ ގޯސްވެ، މުނައްވަރުގެ ފަރާތުން ދެން ހުށަހެޅީ ޕެޓިޝަނެކެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ޕްރޮކްސީ ވޯޓުގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި، ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން އެގޮތަށް ކުރިޔަށް ދިއުމަށް އެއްވެސް ހުރަހެއް ވެސް ނެތްކަމަށެވެ. ޕްރޮކްސީއަށް އެއްބަސްވާން ދެކޮޅު ހަދަން ފެށުމުން ދެން ބޭއްވީ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެކެވެ.

އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރެއްގެ ގޮތުން މީޑިއާތަކާއި އޭރު ބައްދަލު ކުރެއްވީ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. ބިގޭ ވިދާޅުވެފައި ވަނީ ކެންޑިޑޭޓެއްގެ މަންދޫބެއް ވަޑައިގެން ރެޖިސްޓްރީ ކުރެވިފައިވާ ޕްރޮކްސީތަކުގެ ތެރޭގައި ސައްހަ ނޫން ޕްރޮކްސީ ހިމެނޭކަމަށާއި އެކަން ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށެވެ.

ބޮޑެތި ބަހުސްތަކަށް ފަހު ވެސް ނިންމީ، ޕްރޮކްސީ ވޯޓު ބަލައިގަތުމަށެވެ. އެހާ ހިސާބުން ވެސް މައްސަލަ ނިމުމަކަށް ނައިސް ދެން ސުވާލު އުފައްދަން ފެށީ އިންތިހާބުގެ ސައްހަކަމާއި މެދު އެވެ. އެހެންވެ ތިން ކެންޑިޑޭޓުންނަށް ވެސް އެމްޑީޕީން ބައްދަލުވުމަކަށް ކިޔައި، ޕްރޮކްސީ ފޯމުތަކަށް ވަކިވަކީން ގުޅުމަށް ނިންމި އެވެ. އެ ބައްދަލުވުމަށް ވަޑައިގަތީ މުނައްވަރާއި، މޫސަގެ މަންދޫބުން އެކަންޏެވެ. ރައީސް ނަޝީދު އެންގެވީ ކޮންމެ ގޮތެއް ނިންމިޔަސް، އެ ނިންމުމެއް ގަބޫލު ކުރާނެކަމަށެވެ.

މައްސަލައިގައި އިންތިހާބާއި ބެހޭ ކޮމިޓީއަށް ޑރ. މުނައްވަރުގެ މަންދޫބު އިބްރާހިމް ދީދީ (ކޭޑީ) ޝަކުވާ ހުށަހެޅުއްވި އެވެ. އަދި އެ މައްސަލަ ހުށަހެޅުމުން ޕާޓީގެ އަމީން އާންމު ހާމިދު އަބްދުލްޣަފޫރު ވިދާޅުވެފައި ވަނީ ޕްރޮކްސީ ވޯޓު ދިނުމުގެ ހައްގު އަސާސީ ގަވައިދުން މެމްބަރުންނަށް ލިބިދީފައިވާ ކަމަށެވެ. އަދި އަސާސީ ގަވައިދުގައި ވާ މާއްދާއެއް ނުވަތަ އަކުރެއް ބަދަލު ކުރެވޭނީ ކޮންގްރެސްއެއް ބާއްވައިގެންކަމަށް ވިދާޅުވި އެވެ.

ބޮޑެތި ސުވާލުތަކެއް އުފެދި، މި އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ. ތަފާތު ބޮޑުކޮށް އެ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ ވޯޓު ލީ 11،000 މީހުންގެ ތެރެއިން 7،656 މީހުންގެ ވޯޓުންނެވެ. އިންތިހާބުގެ ނަތީޖާއަށް ފަހު، ވޯޓުގެ ސައްހަކަމާއި މެދު ސުވާލު އުފައްދައި މުނައްވަރު ޕާޓީއާއި ދުރަށް ޖެހިވަޑައިގަތެވެ.

ޕާޓީން ވަކިވެ މުނައްވަރު ވިދާޅުވީ، އޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ތާއީދު އޮތް އެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީއަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވިސްނުން ހުރި ގޮތުން އެ މަގްސަދު ހާސިލު ކުރެވިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް މުނައްވަރު ވިދާޅުވި އެވެ. 

މުނައްވަރު ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގައި އޮތް އެ ސަގާފަތް ނައްތާލެވިދާނެކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދި އެ ވިސްނުން ގެންގުޅުއްވާ ބޭފުޅުންގެ ނުފޫޒު ޕާޓީގެ ތެރޭގައި އިންތިހާއަށް އެބައޮތްކަމަށް ސިފަ ކުރައްވައި، މުނައްވަރު ވިދާޅުވެފައި ވަނީ ޕާޓީގެ ތެރޭގައި ހިނގާ ޑިމޮކްރަޓިކް ނޫން ކަންކަން ނައްތާލެވިދާނެކަމަށް ވެސް ގަބޫލު ނުކުރެވޭކަމަށެވެ.

މިއީ ޕާޓީން ޑރ. މުނައްވަރު ވަކިވީ ގޮތެވެ. އެ ނޫން ވެސް އެތައް ބަޔަކު އެބަތިއްބެވެ.

އޭގެ ފަސް އަހަރު ފަހުން އެމްޑީޕީ ކުރިމަތިލީ 2013 ހެ ރިޔާސީ އިންތިހާބަށެވެ. މާޒީގެ ސޮފުހާތަކުގެ ތެރެއިން، ޑރ. މުނައްވަރުގެ އެ ސިޓީގައި ވިދާޅުވި ޑިމޮކްރަޓިކް ނޫން ކަންކަން 2012 އާއި 2013 އަހަރު ފެނުނެވެ. ވަކި ބޭފުޅެއްގެ ނުފޫޒާއި، ބާރާއި، ސިޔާސަތު ނޫން އެހެންކަމެއް ނުފެނުނެވެ.

2012 ވަނަ އަހަރުގެ ތެރޭގައި ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް އަލްހާން ފަހުމީ ވަކި ކުރަން ހުށަހެޅުމަކީ އޭގެ ހެއްކެކެވެ. މިއަދު ވެސް ޑރ. ޑީޑީއާއި އަލްހާން ވިދާޅުވާ ގޮތުން އެ މީހުން ޕާޓީން ވަކި ކުރީ ރައީސް ނަޝީދާއި ދެކޮޅަށް ބަސް ބުނަން ކެރުނީތީ އެވެ. އެ ބޭފުޅުންނާއި ދެކޮޅަށް ރައީސް ނަޝީދު ބޭނުން ކުރެއްވީ، އެމަނިކުފާނުގެ ނުފޫޒެވެ. އެ ހާލަތާއި 2014 ގައި ދެން ކުރިމަތިލާން ޖެހުނީ ރީކޯ މޫސާ މަނިކެވެ. އެ ދުވަހާއި ހަމައަށް، 2008 ގެ ޕްރައިމެރީއާއި ގުޅުވައި އެއްވެސް ޝަކުވާއެއް ނުކުރައްވަ އެވެ. ހުންނެވީ ރައީސް ނަޝީދާއި އެންމެ ކައިރީގައެވެ. އެމަނިކުފާނުގެ އަރިސް މެމްބަރެއްގެ ގޮތުގައި މެއެވެ.

މިއީ އެމްޑީޕީގެ ތާރީހުން ފެންނަން ހުރި މަންޒަރުތަކެވެ. ޕާޓީގެ އެތެރޭގައި އޮތް ރައީސް ނަޝީދުގެ ބާރަށް ނިމުމަކަަށް އައީ އިހަށް ދުވަހު އެވެ.

މިދިޔަ 2023 ވަނަ އަހަރުގެ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކޮށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީ ދެކޮޅު ހެއްދެވީ ފަހުން ރައީސް ނަޝީދެވެ. އެމަނިކުފާނަށް ބަލި ގަބޫލު ކުރަން އުނދަގޫވި އެވެ. އެމްޑީޕީގައި އެމަނިކުފާނު ނޫން، އެހެން މީހަކަށް ބައެއްގެ ސަނާކިއުމާއި ކުރިއަރައިގެން ދިއުން ބަލަން އެމަނިކުފާނަށް މާބޮޑަށް ވެސް އުނދަގޫވީ އެވެ. ހާއްސަކޮށް ފަސް އަހަރުގެ ތެރޭގައި ރައީސް ނަޝީދުގެ މަގުބޫލުކަމަށް އެކި އަސަރު ކުރުން ހިމެނެ އެވެ.

ބަލި ގަބޫލު ކުރުމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު އެދުނީ ޕާޓީގައި އަމިއްލަ ހަރަކާތްތައް ހިންގުމުގެ ފުރުސަތަކަށެވެ. އަދި ޕާޓީގެ އާއްމު މެމްބަރުން ބޭނުންވާ ގޮތަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އެއާއި އެކު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭ ގުރޫޕަކަށް މެސެޖެއް ފޮނުވައި ޕްރައިމެރީގެ ކެމްޕެއިނަށް ބޭނުން ކުރެއްވި ކެމްޕެއިން ސްލޯގަން ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތައް އުފައްދައި، ހަރަކާތާއި ގުޅޭ މެމްބަރުންނާއި އެކު ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓާއި މެދު ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވާން ފެށި އެވެ. ނުސީދާ ގޮތުން ރައީސް ސޯލިހަށް އެންޓި ކެމްޕެއިން ކުރައްވަމުން ގެންދެވި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަކުރާނެ ކެނޑިޑޭޓު ކަނޑައެޅީ، ގިނަ މެމްބަރުންގެ ބަހެއް ނެތިކަމަށް ވުމާއި އެކު އެ މެމްބަރުން ޕާޓީއާއި އަލުން ގުޅުމަށް ޖާގަ ދޭން އެމަނިކުފާނު ގޮވާލި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ޕާޓީން ވަކި ކުރި 39،000 މެމްބަރުން ހިމެނޭ ހެން އިތުރު އިންތިހާބަކަށް ގޮސް ކެނޑިޑޭޓާއި މެދު ގޮތެއް ނިންމަން ޖެހެ އެވެ.

ރައީސް ސޯލިހާއި އެކު އެމްޑީޕީއަށް ކާމިޔާބެއް ލިބޭނެ މަގެއް އޮތްކަމަށް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ. ރައީސް ސޯލިހަށް 2023 ކާމިޔާބު ނުކުރެވޭނެކަމަށް ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމުން ކެނޑިޑޭޓަށް ތާއީދު ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އެދޭ ގޮތަށް ”ފިކުރެއްގެ ދިރުން“ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޖާގަ ދޭ އެއްވެސް މަސައްކަތެއް ނުހުއްޓުވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ސިޔާސީ ޕާޓީއަކަށް ބަދަލުވާން މާ ގިނަ ދުވަހެއް ނުނެގި އެވެ. ރިޔާސީ އިންތިހާބަށް ކުރީގެ މެމްބަރު އިލްޔާސް ލަބީބް ނެރުނީ ކާމިޔާބީގެ އަޒުމަށް ވުރެ ރައީސް ސޯލިހު ބަލިކޮށްލުމުގެ ބޭނުމުގަ އެވެ. މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރުނީ ވޯޓު ބައިބައިކޮށްލުމަށެވެ. ހުރިހާ ގޮތަކުން ފެއިލްކޮށްލާނެކަމަށް ޕޯޑިއަމްތަކުގައި ހަރު އަޑުން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ޕާޓީއަށް ދެ އަހަރުގެ ތެރޭގައި 4،000 މެމްބަރުން ހަމަކޮށް ނުލެވުނެވެ. ޕާޓީގެ ހަރަކާތެއް ނުހިނގަ އެވެ. ޕާޓީގެ ނަން ހިނގާ ހަމައެކަނި ސަބަބަކީ ރައީސް ނަޝީދުގެ އަރިސް މެމްބަރުން ތިބުމެވެ.

އެންމެ ފަހުން ދެ އަހަރަށް ފަހު ރައީސް ނަޝީދު ޖެހިވަޑައިގަތީ ޕާޓީއަށް އެނބުރި އަންނާށެވެ. އެކަމަކު ރައީސް ނަޝީދަށް މަރުހަބާ ކިޔައި، ބަލައިގަތުމަށް ކިތަށް މީހުން ބޭނުން ވޭތޯ ސުވާލު އުފެދެ އެވެ. އަނެއްކާވެސް މިއޮތީ 2028 ގެ ރިޔާސީ ރޭހުގެ ވާދަވެރިކަމެވެ. ރައީސް ނަޝީދު ވަނީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ.

ކޮންމެއަކަސް ހަގީގަތަކީ، އެމްޑީޕީގެ އެތެރޭގައި ހާމަކަން ބޮޑުކޮށް ރެނދުލާތަން ކުރިޔަށް އޮތް ތަނުގައި ފެންނާނެކަމެވެ. އެކި ބޭފުޅުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް އެ ގެންދަވަނީ އެކި ގޮތްގޮތުން ކެމްޕެއިން ކުރައްވަމުންނެވެ.

އެއަށް ވުރެ ބޮޑަށް 2008، 2013، 2023 އެކޭ އެއްގޮތަށް އަނެއްކާވެސް 2028 އަަށް އޮތީ ރައީސް ނަޝީދުގެ ކޮންވެސް ބާރެއް ބޭނުން ކުރަން އުޅުން ބާއޭ ހިތަަށް އަރައެވެ. އެމަނިކުފާނު ހަމަ ވެރިކަމަށް ޝައުގު އެބަހުރިތޯ ސުވާލު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: