ހަރުގެތަކާއި ޖަގަހަތައް ހިންގުމަށް މާލީ ދަތިތަކެއް ހުރިނަމަވެސް އެތަންތަން ނުހިނގާ އެންމެ ބޮޑު ސަބަބަކީ ވަޒީފާ ގެއްލުމުގެ ބިރު އޮތުމުން މެމްބަރުން އެތަންތަނަށް ދާން ޖެހިލުންވުންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރަށްތަކުގައި ހަދާފައިވާ ޖަަގަހަތަކާއި ހަރުގެތައް އެކަށީގެންވާ ގޮތެއްގައި ހިންގަމުން ނުދާކަމަށް ބައެއް ފަރާތްތަކުން ދެކޭ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޗެއަރޕާސަންކަމަށް ވަޑައިގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިންގެ މައިގަނޑު އެއް ޝިޔާރަކީ ”ހިންގާލަން“ ކަމަށެވެ. އަދި އެ ޝިޔާރުގެ ދަށުން ކުރުމަށް ކަނޑައެޅިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީވެސް ޖަހަތަކުގައި މަސައްކަތްތައް ކުރިއަށް ގެންދިއުން ހަރުދަނާކުރުންކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އޭގެ ތެރޭގައި ހަރުގެތައް ވީރާނާވެފައި އޮތުން ހައްލުކުރުމުގެ އިތުރުން މަސައްކަތްތަކެއް ކުރެވޭނެ ގޮތެއް ރޭވުމާއި ދައުލަތުން ލިބޭ ބަޖެޓުގެ ބޮޑު ބައެއް އެ މަސައްކަތްތަކަށް ކަނޑައެޅުމުގެ ވައުދު ހިމެނޭކަމަށެވެ. ނަމަވެސް އެ ވައުދު އަދިވެސް ރަނގަޅަށް ފުއްދިފައިނުވާކަމަށާއި ހަގީގަތަށް ބަލާއިރު އެކަން އޮތީ ވަރަށް ދަަށްކޮށްކަމަށެވެ.
އެކަންކަން ނުވެދިއުމުގެ ފަހަތުގައި ދިމާވި ގޮންޖެހުންތަކެއް އޮތްކަމަށް އިޝާރާތްކުރައްވާ ޗެއަރޕާސަން ވިދާޅުވީ، މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާކަމަށާއި އެއީ އެތެރޭގެ ކޯޅުންގަނޑުގެ ހުޅުގަނޑު ވަރަށް ބޮޑަށް ރޯވެފައިވާ ދުވަސްވަރެއްކަމަށެވެ. އެހެންކަމުން ޗެއަރއެއްގެ ހައިސިއްތުން އެންމެ ފުރަތަމަ ކުރަންޖެހުނު މަސައްކަތްތަކަކީ އެ ހުޅުގަނޑު ނިއްވާލެވޭނެ ގޮތެއް ހޯދޭތޯ މަސައްކަތްކުރެއްވުންކަމަށާއި އެކަންކަން މެދުވެރިކޮށް ކޮންގްރެސްއަށްފަހު ކޮންމެވެސް ވަރެއްގެ ހައްލުތަކެއް އައި މަންޒަރު ފެނިގެންގޮސްފައިވާނެކަމަށެވެ.
ރައީސް ނަޝީދު ފަދަ ބޭފުޅުން ޕާޓީން ވަކިވެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތައް ފެށިގެންދިއުމާއިއެކު ދެން ކުރަންޖެހުނީ އެ މަސައްކަތްތައްކަމަށާއި އެ ދުވަސްވަރަކީ ހަރުގެތައް ހިންގައިގަތް ދުވަސްތަކެއްކަމަށް ފާހަގަކުރެއްވިއެވެ. މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރެވުނުކަމަށް އަލިއަޅުއްވައި ފައްޔާޒް ވިދާޅުވީ، ގައުމުގެ މަސްލަހަތު ދެމެހެއްޓުމަށްޓަކައި މަޖިލީސް އިންތިހާބު ކާމިޔާބުވެެގެންދިއުން ކޮންމެހެންވެސް ބޭނުންތެރިކަމަށް ޕާޓީން ދެކޭމަަށްވުމުން މިފަހަރުގެ ކެމްޕެއިންގައި ދުވަހަކުވެސް ނުކުރާ މިންވަރަށް އެ މަސައްކަތްތައް ކުރެވިގެންދިޔަކަމަށެވެ.
މަޖިލީހުގެ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީގެ ފަހަތުގައި ރައްޔިތުން އެއިރެއްގައި އޮތް ސަރުކާރެއްގެ ފަޅިއަށް ބުރަވުން ހިމެނޭކަމަށް ވިދާޅުވިއިރު ބައެއް މެމްބަރުން ވަކިވެގެންދިއުންވެސް ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ވަޒީފާގެ ބިރުވެރިކަންވެސް ހިމެނޭކަމަށްވާއިރު އެ ހުރިހާ މަސައްކަތްތައް ނިންމާލުމަށްފަހު ހަގީގަތުގައި ހަރުގެތައް ހިންގަން ޕާޓީގައި އެވަރުގެ މާލީ ތަނަވަސްކަމެއް ނެތްކަމަށް މައުލޫމާތު ދެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު ނިމުނުއިރު ޕާޓީގެ ވަރަށް ބޮޑެތި ދަރަނިތައްވެސް ހުރިކަމަށާއި އެހެންކަމުން ދައުލަތުން ލިބުނު ފައިސާއިން ބޮޑު ބައެއް ހަރަދުކުރަންޖެހުނީ އެ ދަރަނިތައް އަދާކުރަންކަމަށެވެ. ނަމަވެސް އެއްކޮށް ދަރަނިތައް ދައްކައި ނިމިފައިނުވާކަމަށާއި އެހެންކަމުން ނިމިދިޔަ އަހަރުގެ ތެރޭގައި ބަޖެޓުގެ ގޮތުގައި ލިބޭ އެއްޗަކުން 60 އިންސައްތަ ދިނުމުގެ މަސައްކަތްތައްވެސް ހުއްޓިގެންދިޔަކަމަށެވެ. ފައްޔާޒް ވިދާޅުވީ، 2023 ވަނަ އަހަރާއި 2022 ވަނަ އަހަރު އެގޮތުގެ މަތިން ފައިސާ ދީފައިވާނެކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެންމެ ބޮޑު ދަތިކަމަކީ މާލީގޮތުން ހުރި ކަންކަން ނޫންކަމަށާއި ބައެއް ރަށްތަކުގައި ވަރަށް ރަނގަޅު ހާލަތުގައި ހަރުގެތައް ހުރިއިރު އެތަންތަނަށް ދާން މެމްބަރުން ޖެހިލުންވާކަމަށެވެ. ސަބަބަކީ ދައުލަތުގެ ވަޒީފާތަކުގައި ތިބުމުން ސަރުކާރުގެ ފަރާތުން ވަޒީފާ ގެއްލިގެންދިއުމުގެ ބިރު ކުރިމަތިވެފައި އޮތުންކަމަށެވެ.

