އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް ޒިންމާދާރު، ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ޤައުމުގެ ރައުސުލްމާލެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އިސްރަށްވެހިންގެ ތަޖުރިބާ ހިއްސާކުރުން މުހިންމު ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި އުނގޫފާރު ސައިފު ޖަމްޢިއްޔާއިން އެ ފުރުޞަތު އިސްރަށްވެހިންނަށް ފަހިކޮށްދެއްވާތީ އުފާފުޅުކުރައްވާ ކަމަށް ވެސް ވަޒީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނު ރ. އަތޮޅަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި، އުނގޫފާރު ސައިފު ޖަމްޢިއްޔާއިން ބޭއްވެވި އިސްރަށްވެހިންގެ ހަވީރުގައި ބައިވެވަޑައިގެން އުފާވެރި ވަގުތުކޮޅެއް އިސްރަށްވެހިންނާއެކު ވަނީ ހޭދަކުރައްވާފައެވެ. މި ހަވީރަކީ ޖަމްޢިއްޔަތުއްސައިފަށް 64 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަވީރެކެވެ.

