މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެއްލެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާކަމަށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބުޅާތައް ގެއްލިފައިވާކަމަށް އެތަކެތީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރާ އެންޖީއޯތަކުން ބުނަމުންދިއުމާއިއެކު ސަންގުންވަނީ މި މައްސަލައާއި ގުޅޭގޮތުން އެނިމަލް ވެލްފެއަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.
މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުން ސޯޝަލްމީޑިއާގައި ކަންބޮޑުވުންތައް ފާޅުކުރިނަމަވެސް ރަސްމީގޮތެއްގައި އެއްވެސް ފަރާތަކުން އެ މައްސަލަ މިނިސްޓްރީއަށް ހުށައަޅާފައިނުވާކަމަށެވެ. ނަމަވެސް މިނިސްޓްރީގެ އުސޫލަކީ އެފަދަ ކަމެއް ނުރަސްމީ ގޮތެއްގައިވެސް ސަމާލުކަމަށް އައުމާއެކު ފިޔަވަޅު އެޅުންކަމަށްވުމުން މިނިސްޓަރު ޑރ މަރިޔަމް މާރިޔާގެ އިރުޝާދުގެ ދަށުން އެކަން ހިނގަމުންދާ ގޮތް ހޯދުމަށް ފުލުހުންނަށް ހުށައަޅައި އެހީތެރިކަމަށް އެދިފައިކަމަށެވެ.
ފުލުހުންނަށް މައްސަލަ ހުށައަޅާފައިވަނީ ތަހުގީގެއް ކުރިއަށް ގެންގޮސް ބަލާ ފާސްކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ބާރު ލިބިފައިވަނީ އެ މުއައްސަސާއަށްވުމުންކަމަށް ހިއްސާކުރިއެވެ. އެހެންކަމުން މިނިސްޓްރީންދަނީ ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުންކަމަށާއި ރަސްމީ ގޮތުން މިކަން ބަލައިދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށެވެ.
ކެޓް ޝެލްޓަރގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއިމެދުވެސް ސަންގުންވަނީ ސުވާލުކޮށްފައެވެ. މިނިސްޓްރީން މައުލޫމާތު ދިންގޮތުން އެ ޝެލްޓަރ ހިންގުމަށްޓަކައި ގުޅިގެން މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކުރެވި މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމެވެފައިވާކަމަށެވެ. އަދި ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މިހާރު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން އެ ޝެލްޓަރު ހިންގުމަށްޓަކައި ބޭނުންވާ ވެޓްރެނަރީ ޑޮކްޓަރުން ހޯދުމަށްޓަކައިވެސް އިއުލާނުކުރެވިފައިވާއިރު އެ މަގާމުތަކަށް އިންޓަރވިއުކުރުން ފަދަ މަސައްކަތްތައް ކުރެވިގެންދާނީ ޝެލްޓަރ ހިންގުމަށްޓަކައި ބަޔަކު ކަނޑައެޅިގެންދިއުމަށްފަހުކަމަށް ބެލެވޭކަމަށް މައުލޫމާތު ދީފައިވެއެވެ.

