އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ހަތް އަހަރަށް ފަހު އަލުން އެނބުރި ވެރިކަމަށް އާދެވުނީ 2023 ވަނަ އަހަރު އެވެ. ސަރުކާރުގެ ގިނަ ސިޔާސަތުތަކާއި އެކު، މަޝްރޫއުތައް ހިންގަމުން އެމްޑީޕީ މަސައްކަތް ކުރީ ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށެވެ.
ވެރިކަމުގައި އޮވެމެ، ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް، ބޭރުވިޔަ ނުދީ ހިފަހައްޓައިގެން ތިއްބައި އެ ހުޅުގަނޑު ފަޅައިގެން ދިޔައީ 2023 ގެ ރިޔާސީ ޕްރައިމެރީގެ ވާހަކަ ދެކެވެން ފެށި ހިސާބުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އޭރުގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެމެދު ސިޔާސީ ހިޔާލުތަފާތުވުންތައް އުފެދި ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ.
ފާޑުކިއުންތަކާއި، އެކު ތުހުމަތުތަކާއި އެކު ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމުގެ މަސައްކަތްތަކާއި އެ ނޫން ވެސް ކަންކަން ހިނގައިދިޔަ އެވެ. ޕާޓީގެ ޗެއާޕާސަން އިންތިހާބާއި، ރިޔާސީ ޕްރައިމެރީއަށް ފަހު ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގަތެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދެވީ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި މަޖިލިސް އިންތިހާބު ހިމެނޭ ގޮތަށް ދެ އިންތިހާބުގެ ވޯޓުތައް ބައިބައި ކުރުމަށެވެ.
ދެ އިންތިހާބުގެ ބޮޑު ނާކާމިޔާބީއާއި އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި އޭގެ ސަބަބާއި މެދު ރިޕޯޓެއް އެކުލަވާލުމަށް ނިންމި އެވެ. މެމްބަރުންގެ އެކި ހިޔާލުތައް އެ ބައްދަލުވުމުގައި އައިއިރު، ދެ އިންތިހާބުގެ ނާކާމިޔާބީއާއި ގުޅޭ ރިޕޯޓެއް ހަދައި ދެން ކުރިޔަށް ދާނެ ގޮތަކާއި ގުޅޭ ރޯޑް މެޕެއް އެކުލަވާލި އެވެ.
މި ރޯޑް މެޕް ހުށަހެޅުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓު މަހު ބޭއްވުމަށް ނިންމާފައިވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށެވެ. އެ ރިޕޯޓުގައި ހިމަނާފައި ހުރި ކަންކަމުގެ މާބޮޑު ތަފްސީލެއް ނޭނގުނު ނަމަވެސް ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ބައެއް ބަދަލުތަކުގެ މައުލޫމާތު ދެއްވާފަ އެވެ.
ފައްޔާޒް ވިދާޅުވީ ރޯޑް މެޕްގައި ޕާޓީގެ އަސާސީ ގަވައިދަށް ބައެއް ބަދަލުތައް ގެނައުމަށް ހިމަނާފައިވާކަމަށެވެ. އެގޮތުން އަސާސީ ގަވައިދަށް އިސްލާހު ގެނައުމުގެ ރޯޑް މެޕްގައި އޮތީ ޗެއާޕާސަންއާއި ޕާޓީގެ ރައީސްގެ މަގާމު އެއްކޮށްލައި ކޮންމެވެސް އެއް މަގާމެއްގެ ގޮތުގައި ބަދަލު ކުރުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ފައްޔާޒް ހުންނެވިއިރު، ޕާޓީގެ ރައީސަކީ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. ވަދަވެރި އިންތިހާބެއްގެ ތެރެއިން މަގާމުގައި ހުންނެވީ ފައްޔާޒެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން، ޕާޓީގެ އެންމެ ބާރުވެރި އަދި އެތެރޭގެ ކަންކަން ރާވައި ހިންގާނީ ޗެއާޕާސަން އެވެ. އެއީ ގައުމީ މަޖިލިސްގެ ކަންކަން ބެލެހެއްޓުމާއި ބައްދަލުވުމާއި ކޮންގްރެސްގެ ރިޔާސަތު ވެސް ބެލެހެއްޓުން ހިމެނޭ ގޮތަށެވެ.
ޕާޓީގެ ރައީސްގެ ޒިންމާއެއްކަމަށް އަސާސީ ގަވައިދުގައި ވަނީ، ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމެވެ. އޭގެ އިތުރަށް ޕާޓީގެ ހަރަކާތްތައް ޑިމޮކްރަސީގެ މަގުން ކުރިޔަށް ދޭތޯ ޕާޓީގެ ރައީސް ކަށަވަރު ކުރަން ޖެހޭނެ އެވެ.
މި ދެ މަގާމަށް ވެސް ބޭފުޅަކު އައްޔަނު ކުރަނީ އާންމު މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ފަސް އަހަރުގެ މުއްދަތަކަށެވެ. ފައްޔާޒް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަތީ 2022 ވަނަ އަހަރު އެވެ. އަދި ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ވަޑައިގަތީ 2024 ވަނަ އަހަރު އެވެ.
މި ރޯޑް މެޕްގެ ދަށުން ފައްޔާޒްގެ އަމާޒަކީ ރަށްތަކަށް ދަތުރުކޮށް އާންމުންގެ ހިޔާލު ވެސް ހޯދުމެވެ. މިހާރު ވެސް ރިޕޯޓު އެކުލަވާލާފައި ވަނީ މުހިންމު ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައިކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ މި ހިޔާލަށް ގިނަ ބައެއްގެ ތާއީދު ލިބިފައިވާކަމަށާއި އަދި ޕާޓީ ހަރުދަނާކޮށް ހިނގާނެކަން ވެސް ގިނަ ބަޔަކު ގަބޫލު ކުރާކަމަށެވެ.
މި ދެ މަގާމު އެއްކޮށްލުމާއި އެކު އަންނަ އެހެން ބަދަލުތައް ވެސް އެބަހުއްޓެވެ. އެއީ މަގާމު ފުރާ މީހަކީ އެމްޑީޕީގެ އިސް ފަރާތްކަމަށްވުމާއި އެކު އިތުރު އެހެން މަގާމެއްގައި ނުހުރެވުމެވެ.
ފައްޔާޒް ވިދާޅުވީ ޗެއާޕާސަންގެ ދައުރުގައި މަގާމުގައި ހުރެ އެ ފަރާތަކަށް ރިޔާސީ ޕްރައިމެރީއަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއް އުފެދިއްޖެ ނަމަ އެ ފަރާތަކަށް ކެބިނެޓު، ސަރުކާރުގެ ކުންފުންޏެއްގެ މަގާމެއް ނުވަތަ އެހެން ވެސް މަގާމެއް އަދާނުކުރެވޭނެކަމަށް ވިދާޅުވި އެވެ.
ފައްޔާޒްގެ ވިސްނުމަށް ބަލާއިރު، މިއީ މުވައްސަސާއެއްގެ ހިންގުމުގެ ސިފަތަކެއްގެ މައްޗަށް ޕާޓީ ބިނާ ކުރުމެވެ. އެގޮތުން އެމްޑީޕީގައި އުފެދޭ މަގާމަކީ އެއީ މުސާރައެއް ކަނޑައެޅިފައިވާ ފުލްޓައިމް މަގާމަކަށެވެ. އަދި އެ ބޭފުޅަކު ހުންނަން ޖެހޭނީ ވެރިކަމުގައި ސަރުކާރު އޮންނައިރު ޕާޓީއާއި ސަރުކާރު ގުޅުވައިދޭ ފަރާތެއްގެ ގޮތުގަ އެވެ.
މިގޮތަށް ބަދަލު ގެންނަ ސަބަބެއްކަމަށް ފައްޔާޒް ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު، ޕާޓީގެ އިސް ހުރިހާ ފަރާތްތައް ވެސް ސަރުކާރުގެ މަގާމުތަކަށް ދިއުމެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ މަސައްކަތްތަކުގެ ރޭޓު ވަރަށް ބޮޑަށް ދަށްވެ، އާންމު މެމްބަރުންނާއި ސީދާ ޕާޓީ ދެމެދު އޮންނަން ޖެހޭ ގުޅުން ހީނަރުވެގެންދާކަން ފާހަގަކުރެއްވި އެވެ. އަދި މިސާލެއްގެ ގޮތުން އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް ކަން ވެގެން ދިޔަ ގޮތް ދެއްކެވި އެވެ.
ފައްޔާޒް ވިދާޅުވީ ޕާޓީ ހިންގަން ހުންނަ ފަރާތެއް ޒިންމާއަކީ އެއީކަމަށްވުމާއި އެކު، އިތުރު އެހެންކަމަކާއި މަސްއޫލުވެ އުޅެން ނުޖެހޭނެކަމަށެވެ. އަދި އެހެން ވަޒީފާއެއް ނުވަތަ މަގާމެއްގައި ހުރުމުގެ ސަބަބުން ޕާޓީގެ ކަންކަމަށް ވަގުތު ނުދެވި ނުދާނެކަމަށް ވިދާޅުވި އެވެ.
އެމްޑީޕީއަށް ބޮޑެތި ބަދަލުތައް ގެނައުމަކީ، ޗެއާޕާސަންގެ މަގާމަށް އައުމަށް ކުރި ކެމްޕެއިނުގައި ފައްޔާޒްގެ އެންމެ ބޮޑު ވައުދެވެ. އަދި ރަށްތަކުގެ ހަރުގެތައް ނުހިނގުމާއި، އާންމު މެމްބަރުންނާއި އޮތް ގުޅުން ވެސް ކުޑަވެފައިވާތީ އެކަންކަން ހައްލު ކުރެވިދާނެކަމަށް ވިދާޅުވި އެވެ.
މިހާރު އެމްޑީޕީ އިދިކޮޅުގައި އޮތް އިރު، ޕާޓީން ތައްޔާރުވަމުން ދަނީ އަންނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށެވެ. އެމްޑީޕީ ކުރަން ޖެހޭ ގިނަ މަސައްކަތްތައް ކުރިޔަށް އޮތް އިރު އޭގެ ތެރޭގައި އެކްޓްރާ އޯޑިނަރީ ކޮންގްރެސްއާއި، ޕާޓީގެ ގައުމީ މަޖިލިސް އިންތިހާބު ހިމެނެ އެވެ. އަދި ކޮންގްރެސްގައި ނިންމާ ނިންމުންތަކަށް ފަހު، ލީޑާޝިޕަށް ބަދަލު ގެނައުމަށް ނިންމާ ހާލަތުގައި އިތުރު އެތެރޭގެ އިންތިހާބެއް އޮތުމުގެ ފުރުސަތު ވެސް ބޮޑެވެ.

