ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޅުމުގެ މަސައްކަތަށް ވުރެ ކޮމިޓީގައި މުހިންމު ކަންކަން ކުރޭ، އެކަން ހުރިހާ މެމްބަރުން ގަބޫލު ކުރާނެ: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ މަސައްކަތަކަށް ވުރެ ކޮމިޓީގައި ރަނގަޅު ފައިދާ ހުރި މަސައްކަތްތައް ކުރެވޭކަން ހުރިހާ މެމްބަރުން ވެސް އިއްތިފާގުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ތަޅުމުގައި ރަނގަޅު މަސައްކަތެއް ނުކުރެވި ކޮންމެ ދުވަހެއްގެ ޖަލްސާތައް ވެސް ނިންމާލުމެވެ. އެގޮތުން އާންމު ގޮތެއްގައި 13:30 ގައި ނިމޭ ޖަލްސާތައް މިހާރު 09:00 ގައި ފަށައި 10:30 އަށް ނިންމާލަނީ، ކޮމިޓީގެ މަސައްކަތްތަކަށް ޖާގަ ދިނުމަށްކަމަށް ބުނެ އެވެ.

އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރާ ގޮތުން ވަގުތުގެ މައްސަލަތައް މިގޮތަށް ދިމާވަނީ، ސަރުކާރުން ފޮނުވާ ބިލުތައް ރަނގަޅަށް ދިރާސާ ނުކޮށް އަވަސް އަރުވާލައި ފާސްކުރުމެވެ. އަދި މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން އިއުލާނު ކުރި ގިނަ ބިލުތައް މަޖިލީހަށް ފޮނުވާފައި ނުވާކަމަށް ގިނަ މެމްބަރުން ވަނީ ބުނެފަ އެވެ.

އެ ތުހުމަތުތަކަށް ސަރުކާރުގެ މެމްބަރުން ބުނަމުން ދަނީ، ވަގުތު ބޭކާރުކޮށް ބިލުތަކަށް ހުސް ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި މަޝްވަރާކޮށް ބަހުސް ކުރަން ޖެހޭ ބިލުތަކަށް އެ ފުރުސަތު ދޭކަމަށް ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އެންމެ ފަހުން އޮތް ދުވަހުގެ ޖަލްސާގައި އެޖެންޑާގައި ހުރި މަސައްކަތްތައް ނިމާއި ގާތްވުމުން އެމްޑީޕީގެ މެމްބަރުން އެކަން ފާހަގަކޮށް ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި އެ ދުވަހުގެ ޖަލްސާގައި އޮތީ މާޗު މަހު މި ސަރުކާރުން ހުށަހަޅައި ފާސްކުރި ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް 14 އިސްލާހެއް ހުށަހަޅާފައި ވާތީ އެ ބިލުގެ ބަހުސެވެ.

ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް ވިދަޅުވީ، ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް މަޖިލިސް ތަޅުމުގައި އޮޅުން އަރާ ގޮތަށް އަދި މެމްބަރުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުން ރަނގަޅެއް ނޫންކަމަށެވެ.

އަޅުގަނޑު ވެސް އެބަ ހުރި މިއަދު ބައެއް ވާހަކަ ތި ބޭފުޅުންނަށް ދަންނަވައިލަން ޖެހޭ…. އެއީ އަޅުގަނޑުމެންގެ ސިޔާސީ ހިޔާލު ތަފާތުވުން ކިތަންމެ ބޮޑުވިޔަސް އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން އަގުވެއްޓޭ ކަހަލަ ވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކަވައިގެންނުވާނެ… އެއީ މަޖިލީހުގެ ޖަލްސާ 10:30 ގައި ނިމިގެންދާއިރު މަޖިލީހުގެ ކޮމިޓީތައް ބަރާބަރަށް ހިނގަމުންދާކަން ..އެއީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތެއް… މަޖިލީހުގެ ކޮމިޓީތައް އެބަހުރި 11:00 އިން ފެށިގެން ތާވަލު ކުރެވިފައި… އެ މެންބަރުން މިތާނގައި އުޅުއްވާނެ… އެހެންވީމާ.. ބައެއް މެންބަރުން ގެއަށް ވަޑައިގަތުމަކީ ހުރިހާ މެންބަރުން 10:30 ގައި ގެއަށް ވަޑައިގަންނަވާ ވަޑައިގެންނެވުމަކަށް ނުވާނެކަން ހަމަ ކަނޑައެޅިގެން އަޅުގަނޑު ދަންނަވަން..

އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ 10:30 ގައި ނިމިގެންދާއިރު މަޖިލީހުގެ ކޮމިޓީތައް ކުރިޔަށްދާކަމަށެވެ. އަދި ހަގީގަތަކީ އެއީކަމަށް ވިދާޅުވެ ކޮމިޓީގެ މަސައްކަތްތަކުގެ ތާވަލުތައް ބެއްލެވުމަށް އެދިވަޑައިގަތެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮމިޓީއަށް ދާންޖެހޭ މެމްބަރުން މެންދުރު ވަގުތާއި ހަމައަށް މަޖިލީހުގައި އުޅުއްވާކަމަށެވެ. އަދި ގިނަ މަސައްކަތްތައް ކުރިޔަށް ދަނީ ކޮމިޓީގައިކަން ހުރިހާ މެމްބަރުން ވެސް އިއްތިފާގުވާނެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ މަސައްކަތްތައް ކޮންމެ ދުވަހަކު ވެސް ކުރިޔަށްދާކަމަށެވެ.

އަބްދުއްރަހީމް ވަނީ ކޮމިޓީގެ މަސައްކަތްތަކާއި އެކު 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި ފާސްކުރި ބިލުތަކުގެ އަދަދު ވެސް ވިދާޅުވެފަ އެވެ. އަދި އެދިވަޑައިގަތީ އެހެން މަޖިލީހުގެ ދައުރުތަކާއި އަޅައި ނުކިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: