ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ އެއްބަސްވުން ހެދުމަށް ނިންމާފައި ވަނީ 25 އަހަރުގެ މުއްދަތަކަށްކަމަށްވުމާއި އެކު، ތަން މިލްކުކޮށްދޭނީ ފައިސާ ދައްކައި ހަލާސްކުރުމުންކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ކުރިއަށްގެންދާ 4000 ފްލެޓުގެ މަޝްރޫއު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިއުލާނުކޮށްފައި ވަނީ ކުރީ ސަރުކާރުންނެވެ. އަދި މަޝްރޫއުގެ ދަށުުން ފްލެޓު ލިބޭ މީހުންކަމަށް ބުނެ ލިސްޓެއް އިއުލާނު ކުރީ ޓްރާންސިޝަންގެ މުއްދަތުގެ ތެރޭގަ އެވެ. އަދި މި ސަރުކާރުން ވަނީ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، ހައްގުވެރިންނަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 4000 ފްލެޓުތަކުގެ ތެރެއިން، ކޮންމެ ތަނެއްގެ މަސައްކަތް ނިމޭ ވަރަކުން ތަން ހަވާލު ކުރުމަށްކަމަށްވުމާއި އެކު ޖުލައި މަހުގެ ތެރޭގައި އެ މަރުހަލާތައް ފެށޭވަރުވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި އިތުރު މަސައްކަތްތަކުގެ ބައެއް މައުލޫމާތުތައް މިނިސްޓަރ ވަނީ ދެއްވާފަ އެވެ. ފްލެޓުތަކުގެ އެއްބަސްވުން 25 އަހަރަށް ހަދައި ކުލި ދައްކަން ޖެހޭ މުއްދަތު ނިމުމުން، ތަން ރެޖިސްޓްރީ ކުރުމަށް ގޮތަށް ވަނީ ނިންމާފައެވެ.
އޭގެ ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ގޯސްވެފައި އޮތުމެވެ. އެހެންކަމުން ސަރުކާރުގެ ސްކީމެއްގައި ބައިވެރިވެ، ދައުލަތަކަށް ދައްކަން ޖެހޭ ފައިސާއެއް އެގޮތަށް ނުދައްކައި ތިބޭ ހާލަތެއްގައި އެ ބަޔަކާއި މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ނޯޓިސް ފޮނުވަން ފަށާފަ އެވެ. އަދި ސަރުކާރުން ގެދޮރުވެރިކަމާއި ބެހޭ ބިލެއް ހުށަހެމަށް ތައްޔާރުވެފައިވާއިރު މިނިސްޓަރ ވިދާޅުވީ އެ ގާނޫނުގެ ދަށުން މައްސަލައަށް އެދެވޭ ހައްލެއް ގެނެވޭނެ އެވެ.
މުއްތަލިބު ވިދާޅުވީ ހައުސިންގެ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ސަރުކާރުން ވެސް ލޯނުތައް ނަގައިގެންކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި މިއ އަނބުރާ ދައްކަން ޖެހޭ ފައިސާކަމަށެވެ. އަދި ލޯނުތައް އަނބުރާ ދައްކަން ޖެހެނީ، އެކްސްކްރޯ އެކައުންޓު މެދުވެރިކޮށްކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އެއް ބަޔަކު ކުއްލި ދައްކަމުންދާއިރު، ކުލި ނުދައްކައި އެހެން ބަޔަކު އުޅެމުން ދިއުމަކީ އިންސާފެއް ނޫންކަމަށެވެ. އަދި އެ އަރައިގަނެވެނީ ވެސް އެތައް ބައެއްގެ ހައްގަށްކަން ފާހަގަކުރައްވައި ވިދާޅުވީ މީގެ ސަބަބުން އެހެން ހައުސިން ޕްރޮޖެކްޓުތައް ގެންދަން ވެސް ދަތިވާކަމަށެވެ. މިއާއި އެކު ބޭންކު މެދުވެރިކޮށް އެހެން ލޯނުތައް ނެގުމުގައި ވެސް ގޮންޖެހުންތަކާއި ދިމާވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފްތާގައި ފްލެޓުގެ މަސައްކަތްތައް ކުރިޔަށް ގެންދާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބުގެ ކަންކަން ގާތުން ބައްލަވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފްލެޓުތަކުގެ މަސައްކަތް ނިމޭ ވަރަކުން، ޝަރުތު ހަމަވެ ފްލެޓު ލިބޭ ފަރާތްތަކާއި ތަން ހަވާލު ކުރުމަށް ނިންމަވާފައި ވާތީ އެ އަމާޒަށް މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފަ އެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު، މަސައްކަތް ކުރިޔަށް ދިޔަ ސްޕީޑާއި މިހާރުގެ ސްޕީޑާއި އަޅާބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ޓާގެޓަކީ ޖުލައި މަހުގެ ތެރޭގައި ފްލެޓުތަކަށް މީހުންނަށް ވަދެވޭ ވަރުވުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވެ، ފްލެޓު ލިބޭ ފަރާތްތަކާއި އެކު ވަރަށް އަވަހަށް އެގްރިމެންޓުތައް ހަދާނެކަމަށެވެ.

