ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.
ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ހަމައެކަނި މި މައްސަލައިގައި ދައުވާލިބޭ ތަހުމީނުއާއި އަލީ ހައިޝަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކެކެވެ.
އޭނާ ހާޒިރުކުރީ މި މައްސަލައިގައި ދައުވާލިބޭ މީހުން އެ ސަރަޙައްދުން ފެންނަކަން ބަޔާންކުރުމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހެއްގެ ޙައިސިއްޔަތުންނެވެ. އޭނާ ވަނީ އޭރު ފުލުހުން ސުވާލު ކުރުމުން އެމީހުން ކޮފީބޯ ތަނަކުން ދެ ދުވަހެއްގައި ފެނިފައިވާކަން ފުލުހުންނަށް ކިޔާދީފައެވެ.
ދިފާއީ ވަކީލުން ވިދާޅުވީ، ހެކިވެރިޔާ ގިނަ ކަންކަން ހަނދާނުގައި ނެތްކަމަށް ބުނުމާއި، ހެކިވެރިޔާ ތަހުގީގުގައި ދީފައިވާ ބަޔާނާއި، ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުން ހުރުމާއެކު ހެކިވެރިޔާއާ ސުވާލުކުރަން ބޭނުން ނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.
މީގެ އިތުރުންވެސް މި މައްސަލައިގައި ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

