ޑޮލަރު ލިމިޓު މަތިކުރުމަކީ ބޮޑު ސްކޭމެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
1 ޖުލައި 2025 އިން ފެށިގެން، ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ މިންވަރު މަހަކު 500 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. މިއީ ކުރިން އޮތް މިންވަރު ދެގުނަ އަދަދެކެވެ. މި ބަދަލު ގެނެވިފައިވަނީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައިކަމަށް ބޭންކުން ބުނެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑޮލަރު ލިމިޓާއި ގުޅިގެން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެއީ ބޮޑު ސްކޭމެއްކަމަށެވެ.
އާންމު އުސޫލުން ޑެބިޓު ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ތަންތަނުގެ އަގު 30 އިންސައްތައިން މަތިކޮށްފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ. 250 ޑޮލަރުގެ ވިޔަފާރި ކުރުމުން ދެން 75 ޑޮލަރު، 30 އިންސައްތައިގެ ޓެކްސްއެއްގެ ގޮތުގައި ދައްކަން ޖެހޭނެކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، 500 ޑޮލަރާއި ހަމައަށް ވިޔަފާރިކުރާނަމަ 150 އަށް ގިނަ ޑޮލަރު ޓެކްސްއަށް ދައްކަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް ތުހުމަތުތަކެއްކޮށް، ބޭންކުގެ ބޯޑު ބަދަލުކުރަން ބޭނުންވާނަމަ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންފައިވާ ރަނގަޅު ފުރުސަތެއްކަމަށް ނާޒިލް ވިދާޅުވިއެވެ.

