ފަނޑިޔާރުންނަކީ، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށް އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ބައެއް ކަން ކަށަވަރުމަށް ގިނަ އިސްލާހުތަކެއް ހިމަނައި ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތެއްކަން ކަށަވަރު ކުރުމަށެވެ. އަދި ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑު ގާނޫނުގައި ކަނޑައެޅުމަށާއި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް ތަފަސީލު ކުރުމެވެ.
ބިލު ގާނޫނަކަށް ވުމަށް ފަހު ފަނޑިޔާރުން އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓުތަކަށް ބަދަލު ކުރުމުގެ އުސޫލުތަކާއި ވަގުތީ ގޮތުން އެހެން ކޯޓެއްގައި މަސައްކަތްތައް ހަވާލު ކުރުމުގެ އުސޫލު ކަނޑައެޅިގެން ދާނެއެވެ. މިއާއި އެކު ފަނޑިޔާރުން ވިޔަފާރި ކުރުމާއި މާލީ މުއާމަލާތްތައް ކުރުމާއި ގުޅޭ އުސޫލުތައް ތަފްސީލުކޮށް ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާއި ގުޅޭގޮތުން އުސޫލުތައް މުރާޖައާ ކުރެވި، ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާ ކުރެވިގެންދާނެކަން ފާހަގަކުރެވެ އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ މި ބިލުގައި ވަނީ، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އަދާކުރަން ވާނީ ގާނޫނުއަސާސީއާއި ކޯޓުތަކުގެ ގާނޫނުގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާއި އެ ނޫން ވެސް ކޯޓުތަކުގެ މަސައްކަތްތަކާއި ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވާ ގާނޫނުތަކުގައިވާ ގޮތުގެ މަތީންކަމަށެވެ.
ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ގުޅޭގޮތުން ބިލުގައި ވަނީ ފަނޑިޔާރުކަމުގެ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ ފުރިހަމަ ގާނޫނީ އިހުތިޔާރާއި ބާރުވެރިކަން ލިބިގެންވާ ބައެއްކަމަށެވެ.
ފަނޑިޔާރުންނަކީ އެއްވެސް ބައެއްގެ ނުފޫޒެއް ފޯރުވިގެންވާނެ ބައެއް ނޫންކަމަށާއި، އަމިއްލަ ފަރުދަކު ނުވަތަ ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެ ހުރި އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތްތަކާއި ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބިލުގައި ވެއެވެ.
އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަނޑިޔާރުންނަށް މަސްއޫލިއްޔަތު އަދާކުރުމުގެ ފުރިހަމަ ގާނޫނީ އިހުތިޔާރާއި މިނިވަންކަން ލިބިގެންވާކަމަށެވެ. އަދި އެކަން ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތަކުން ކަށަވަރު ކުރަން ޖެހޭނެކަމަށް ވެއެވެ.
އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ އިނާޔަތްތަކާއި އުމުރުން 70 އަހަރުވުމަށް ފަހު މުސްކުޅި ކުރެވޭ ފަނޑިޔާރުންނަށް ދިނުމަށް ކަނޑައެޅޭ އިނާޔަތްތައް ހިމެނެ އެވެ. އަދި އުމުރުން 55 އަހަރުވުމަށް ފަހު ލިބޭ އިނާޔަތްތައް ވެސް ވަނީ ތަފްސީލުކޮށްފަ އެވެ.
ފަނޑިޔާރަކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެ ނަމަ ޖޭއެސްސީ ކަނޑައަޅާ ވަކި އަދަދެއްގެ އިނާޔަތެއް ލިބޭ ގޮތަށް ހަމަޖެއްސުން ކޮމިޝަނަށް އިސްލާހުތަކުގެ ދަށުން ލިބިދެ އެވެ.
މީގެއިތުރުން ފަނޑިޔާރަކު މަގާމުން ވަކި ކުރުމުގެ މަރުހަލާތައް ފަށާފައި ވަނިކޮށް، ނުވަތަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އިސްތިއުފާ ދީފި ނަމަ އެ ފަރާތަކަށް އިނާޔަތެއް ނުލިބޭނެކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ފަނޑިޔާރަކު މަގާމުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ އެ ތާރީހަކުން ފެށިގެން ވަކި މުއްދަތެއް ވަންދެން އެއްވެސް ކޯޓަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރު ނުވެވޭނެ އެވެ. އެއީ ވަކިވާ ފަނޑިޔާރެއް ނަމަ 2 އަހަރު ދުވަސް، އަދި މަގާމުން ވަކި ކުރިނަމަ 3 އަހަރު ދުވަހަށެވެ.
އެއްވެސް ފަނޑިޔާރުކަންކޮށްފައިވާ ފަރާތަކަށް ފަނޑިޔާރުކަމުގައި ބަލާފައިވާ މައްސަލައެއް މަސްލަހަތު ފުށުއަރާ ހާލަތެއް އޮތް ނަމަ އެއްވެސް ގޮތަކަށް، މަގާމުން ވަކިވުމަށް ފަހު އެއްވެސް އިރެއްގައި އެ މައްސަލ ނުވަތަ ގުޅުން ހުރި މައްސަލައަކަށް ވަކީލެއްގެ ގޮތުގައި ކޯޓަށް ނުދެވޭނެ އެވެ.
އިސްލާހުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވާ ހާލަތެއްގައި އަމަލު ކުރާނެ ގޮތް ވަނީ ތަފްސީލުކޮށްފަ އެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އެ މައްސަލާގަައި ގޮތެއް ކަނޑައެޅިފައި ނުވާ ނަމަ، އެކަން ސަބަބާ އެކު ކޯޓުގެ އިސް ފަނޑިޔާރަށާއި ޖޭއެސްސީއަށް އަންގަން ޖެހެއެވެ. އަދި އެ މައްސަލަ ކުރިޔަށް ދާ ގޮތުގެ މައުލޫމާތު އިސް ފަނޑިޔާރަށް މަހަކު އެއްފަހަރު ދޭން ޖެހެއެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތަކީ މައްސަލައާއި ހަވާލުވާތާ ހަ މަސް ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ އެކަން އިސް ގާޒީއަށް އެންގުމަށެވެ.

