ޙާޖީ އެމްވީ ނަމުގައި ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިފުތިތާޙުކޮށްފިއެވެ.
މި އެޕް އިފުތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް ޑރ. މޫސާ އަންވަރު ޙަސަންއެވެ.
ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވައިލައިފައިވާ އެޕެކެވެ. މީގެ އިތުރަށް ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރުކުރާނެ ގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރަށް މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯތައް ވެސް މިއެޕުން ބެލެން ހުންނާނެއެވެ. މިއީ އެޕްގެ ފުރަތަމަ ވާރޝަންއެވެ. މި އެޕް ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ. އަދި އެޕަލް އެޕް ސްޓޯއިންވެސް މި އެޕް ލިބޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ޙާޖީ އެމްވީ އެޕްގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. މި އެޕްގައި ހިމެނޭ އެންމެހައި މަޢުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތެކެވެ. މި އެޕްގެ ސަބަބުން ދުޢާފޮތްތަކާއި ޙައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެ ކަމަށްވެސް ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

