ޕާލިމެންޓުގައި އަންހެނުންގެ ހިއްސާ ކުޑަވުމަކީ ކަންބޮޑުވާކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ”އިންޓަނޭޝަނަލް ޑޭ އޮފް ޕާލިމެންޓަރިޒަމް“ ދުވަހާއި ގުޅިގެން، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، އިންޓަނޭޝަނަލް ޑޭ އޮފް ޕާލިމެންޓަރިޒަމް ދުވަހަކީ، ޑިމްކަރަސީ ރައްކާތެރިކޮށް، ގައުމެއް ހިންގަމުންދަނީ އެންމެ އެކަށީގެންވާގޮތުގައިތޯ ކަށަވަރުކުރުމުގައި މަޖިލީހުން އަދާކުރާ ހިއްސާގެ މުހިންމުކަން ހަނދާންކުރަން ލިބޭ ފުރުސަތެއްކަމަށެވެ.
ރައީސް ވިދާޅުވީ، ޕާލިމެންޓުގައި އަންހެނުންގެ ހިއްސާ ކުޑަވުމަކީ ރާއްޖެއާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުން ކަންބޮޑުވާމެއްކަމަށެވެ. އަދި ޕާލިމެންޓުގައި އަންހެނުންގެ ހިއްސާ މަދުވުމާއި ގުޅިގެން، ރާއްޖެއިން ދަނީ ޖިންސީ ހަމަހަމަކަން އިތުރުކޮށް، މަޖިލީހުގެ ތެރޭގައި އެންމެން އެކުލެވޭނެ މާހައުލެއް ގާއިމުކުރުމަށްވެފައިވާ ވައުދު އަލުން ކަށަވަރުކުރާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަޖިލީސް ބާރުވެރިކޮށް، ހަރުދަނާކުރުމުގެ ގޮތުން، މުސްތަގުބަލުގައިވެސް އެކަމަށްޓަކައި ބޭނުންވާ އަސާސްތައް އިސްކޮށް، މަޖިލީހުން ކުރާ މަސައްކަތްތަކަކީ މަގްސަދެއް ހުރި އަދި ނަޒާހަތްތެރިކަމާއިއެކު ރައްޔިތުންނަށް ހިދުމަތްކުރާ ތަނެއްކަން ކަށަވަރުކުރަންޖެހޭކަމަށެވެ.

