އިހުލާސްތެރިކަމާއިއެކު ފަނޑިޔާރުކަން ކުރާ ބޭފުޅުން ތިބެނީ ބާކީކޮށްފައިކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި ވާހަކަދައްކަވަމުން ޢަފޫރު ވިދާޅުވީ މިއީ 2010 ވަނަ އަހަރު ފާސްކުރި ގާނޫނެއްކަމަށެވެ. މި ސަރުކާރުން ހުށައެޅި އެއްވެސް އިސްލާހެއްގައިވެސް، ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ހިމަނާފައިނުވާކަމަށް ފާހަގަކޮށް، ޢަފޫރު ވިދާޅުވީ އިތުރު އެހެން ކަމަކަށްވެސް ރިއާޔަތްކޮށްފައި ނެތްކަމަށެވެ.
މިހާރު ސަރުކާރުން ހުށައަޅާފައި އޮތް އިސްލާހު ފާސްވުމުން ފަނޑިޔާރުކަން ކުރަން ގެންނަން ޖެހޭނީ ގައިދީންކަމަށް ޢަފޫރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާހުގައިވާ ގޮތުން ފަނޑިޔާރުންނަށް އެއްވެސް މިނިވަންކަމެއް ނެތްކަމަށެވެ.
މިނިވަންކަމާއިއެއްކޮށް ހިޔާލު ފާޅެއް ނުކުރެވޭ، ރައްޔިތުން ކޮން އުޅޭ ޒާތުގެ ކަންކަން ކުރާކަށް މަގުމައްޗަކަށް ނުނިކުމެވޭ. މި ހުރިހާކަމެއް މީގަ އެބަހުރި އިއްޒަތްތެރި ރައީސް. މި ގައުމުގައި އެބަ ތިއްބޭ އިހުލާސްތެރިކަމާއިއެއްކޮށް ފަނޑިޔާރުކަން ކުރަމުންދާ ބޭފުޅުން އިއްޒަތްތެރި ރައީސް.
ޢަފޫރު ވިދާޅުވިއެވެ.
ޢަފޫރު ވިދާޅުވީ އިހުލާސްތެރިކަމާއިއެކު ފަނޑިޔާރުކަން ކުރަމުން ގެންދާ ބޭފުޅުން މި ގައުމުގައި އެބަތިބިކަމަށެވެ. ނަމަވެސް ފަނޑިޔާރުނަށް މިނިވަންކަމާއިއެކު ހިޔާލު ފާޅުކުރެވެންވެސް ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ބުނާ ގޮތަށް ހުކުމް ނުކުރާ ފަނޑިޔާރުން ތިބެނީ އިހުލާސްތެރި ނަމަވެސް ބާކީ ކޮށްފައިކަމަށް ޢަފޫރު ވިދާޅުވިއެވެ. ސަރުކާރުތަކުން ފަނޑިޔާރުގެ ތަކަށް އަތް ބޭނުމަކީ، ފަނޑިޔާރުގެތައް އިސްލާހު ނުވާ ސަބަބުކަމަށް ޢަފޫރު ވިދާޅުވިއެވެ.
ސަރުކާރުތަކަށް ރަނގަޅުވަނީ ލިޔެފައިދޭ ހުކުމް ކޯޓުގައި އިއްވާ ފަނޑިޔާރުންކަމަށާއި، އިންސާފު ފެށެން ޖެހެނީ މަޖިލީހުންކަމަށާއި، ނަމަވެސް މަޖިލީހުގައިވެސް އިންސާފަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވިއެވެ. އިނާޔަތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޢަފޫރު ވިދާޅުވީ މިއީ ހައްގުކަމެއްތޯއެވެ.

