ފޮރިން އިންވެސްޓްމަންޓް ގާނޫނުގައި އިންވެސްޓް ކުރުމަށް ފަހި ފުރުސަތުތައް ހުޅުވާލެވި، އިތުބާރާއި ޔަގީންކަން ގާއިމު ކުރެވިފައިވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ސިންގަޕޯރ – ރާއްޖެ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
އިންވެސްޓް ފޯރަމްގައި ވާހަކަ ދައްކަވަމުން ޚަލީލް ވިދާޅުވީ ބައްދަލުވުން ބާއްވާ މި އަހަރު، ރާއްޖެއާއި ސިންގަޕޯރ ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރޭނެކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގެ މިނިވަންކަން ގާއިމު ކުރެވިގެން އައިތާ ކުރީކޮޅުގައި އެ ގައުމުގެ ފަރާތުން ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުން ވަރަށް ބޮޑެތި އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިގެން ދިޔަކަމަށް ޚަލީލް ވިދާޅުވި އެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ވެސް ދެ ގައުމުން މަސައްކަތް ކުރަމުން އައީ އެއް އަމާޒެއްގައި، ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށްޓަކައިކަމަށް ޚަލީލް ވިދަޅުވި އެވެ.
ޚަލީލް ވިދާޅުވި ގޮތުގައި 1965 ވަނަ އަހަރު ރާއްޖެ ޔުނައިޓެޑް ނޭޝަން (ޔޫއެން) އާއި ދިވެހިރާއްޖެއާއި ސިންގަޕޫރު ގުޅި މެމްބަރު ގައުމަކަށް ވެގެން ދިޔައީ އެއް ތާރީހެއްގަ އެވެ. އެއަށް ފަހު އެކުވެރިކަމާއި، އިތުބާރުގެ މައްޗަށް ގުޅުން ގާއިމު ކުރެވި ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް ޚަލީލް ވިދާޅުވި އެވެ.
ވޭތުވެ ދިޔަ 50 އަހަރުގައި ރާއްޖެ މަޑުމަޑުން ކުރިއެރުންތައް ހޯދަމުން އައިއިރު، ސިންގަޕޫރު މިއަދުވެފައި ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ކުރިއަރާގައިވާ އެއް ގައުމަށްކަން ޚަލީލް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެއާއި އެކުގައި ރާއްޖެއިން ކުރިއެރުން ހޯދި ދާއިރާތަކުގެ އެންމެ ކުރީގައި ފަތުރުވެރިކަމުގެ ދާއިރާއާއި އޭވިއޭޝަން ދާއިރާ އަދި އިޔާދަ ކުރަނިވި ހަކަތަ ގާއިމު ކުރުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ މިއީ ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުޅުވިފައި ހުރި ދޮރުތައްކަމަށާއި، އެއާއި އެކު މިވަގުތު ރާއްޖެއިން މަސައްކަތް ކުރަމުން ދާ ޑިޖިޓަލައިޒޭޝަން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. މިއީ އިންވެސްޓަރުންނަށް އޮތް ފަހި ފުރުސަތެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ މި ދާއިރާތައް ފުޅާވެގެން ދިއުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެކަމަށާއި، ދުނިޔޭގެ މާކެޓުގައި ރާއްޖޭގެ ނަން ވެސް އުފުލިގެން ދާނެކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އިންވެސްޓު ކުރުމުގެ ދާއިރާ ފުޅާ ކުރެވި، ފުރުސަތުތައް އިތުރަށް ހުޅުވާލުންކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ފޮރިން އިންވެސްޓްމަންޓް ގާނޫނަށް ގެނެވުނު ބަދަލުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން ފްރޭމް ވޯކްއާއި، ސިންގަލް ވިންޑޯ ކްލިއަރެންސްގެ ބައެއް ތަފްސީލުތައް މިނިސްޓަރ ދެއްވި އެވެ.
ޚަލީލް ވިދާޅުވި ގޮތުގައި މުޅި ފޮރިން އިންވެސްޓްމަންޓު ގާނޫނު ފަރުމާ ކުރެވިފައި ވަނީ ފުރުސަތުތަކާއި، ފަހުގެ އުސޫލުތަކާއި އެކު އެވެ. ގާނޫނެއް އެކަނި އޮވެގެން ނިންމާ ނުލެވޭނެކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ގުޅުން ބަދަހިކޮށް މައުލޫމާތުތައް ބަދަލު ކުރުން ވެސް މުހިންމުކަމަށެވެ. އަދި ދިވެހި ސަރުކާރުގެ އަމާޒަކީ ވާދަވެރި މާހައުލެއްގެ ތެރެއިން އެކަންކަން ގާއިމުވެގެން ދިއުންކަމަށް ޚަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވި ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފުދިފައިވާ އާބާދީ ކުޑަ ގައުމެކެވެ. އަދި ރާއްޖެއަށް އެތައް ދާއިރާއަކުން ކުރިއެރުން އައުމުގައި ސިންގަޕޫރުގެ ހިއްސާ އޭގައި އޮތް އިރު ކުރިއެރުން ހޯދުމުގައި ބަލާ އެއް މޮޑިއުލްއަކީ ވެސް އެ ގައުމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

