މި ސަރުކާރާއި އެހެން ސަރުކާރުތައް ތަފާތުވަނީ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދީ ވަގުތުން ފިޔަވަޅު އަޅާތީކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ދެ މައްސަލައަކުން އިތުރު ކަންކަން އެނގިގެން ދާނެކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެއްވެސް ސަރުކާރެއްގައި ކޮރަޕްޝަން އެއްކޮށް ނައްތާނުލެވޭނެކަމަށެވެ. އަދި ވަކި ބައެއް އިސްތިސްނާ ނުވާ ގޮތަށް، ކޮންމެ ވެރިކަމެއްގައި ވެސް އެތައް މައްސަލައެއް ފެންމަތިވެގެން އަންނައިރު ހަމައެކަނި ތަފާތަކީ އެކަމެއްގައި ޝާމިލުވާ ބަޔަކާއި މެދު އަޅާ ފިޔަވަޅުކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެން ސަރުކާރުތަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަފާތުވާ ގޮތަކީ ވެސް ނާޒިމް ވިދާޅުވި ގޮތުގައި، ކޮރަޕްޝަން ހިންގާ މީހުންނަށް ވަގުތުން ފިޔަވަޅު އަޅައި އެ ބަޔަކު މަގާމުން އެކަހެރިކޮށް ދުރު ކުރުމެވެ.
ނާޒިމް ވިދާޅުވީ ޝައްކު އުފެދޭ އެހެނިހެން މައްސަލަތައް ވެސް ސަރުކާރުން ބަލައި، ފިޔަވަޅު އަޅާކަމަށެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހުށަހެޅިފައި ހުރި ގިނަ މައްސަލަތަކާއި އެކު، އިތުރު ބައެއް ކަންކަން ފެންމަތިވެގެން އަންނާނެކަމަށް ނާޒިމް ވިދާޅުވި އެވެ.
ކޮމިޓީން ކުރި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ދެ މައްސަލައެއްގެ އޮޑިޓު ރިޕޯޓު ނިމިފައި ވާތީ، އެކަން ނާޒިމް ފާހަގަކުރެއްވި އެވެ. އެއީ ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓާއި، އާސަންދަ އިމާރާތުގެ މައްސަލައިގެ ރިޕޯޓެވެ.
ނާޒިމް ވިދާޅުވީ ރިޕޯޓު ނިންމައި ދެން ކުރަންޖެހޭ މަސައްކަތްތަކަށް ވެސް ވަގުތު ދެވިފައިވާކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގެ ހޯމަ ދުވަހު ފެނަކައިގެ އިސް ބޭފުޅުންނާއި އެކު ބައްދަލުވުމެއް ބާއްވައި އޮޑިޓު ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުކުރުމަށް ނާޒިމް ހުށަހެޅުއްވި އެވެ.
ނާޒިމް ފާހަގަކުރެއްވި އާސަންދަ އިމާރާތުގެ އެ މައްސަލައަކީ ހަ ބުރީގެ ހޮސްޕިޓަލެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި ކުރީ ސަރުކާރުން 44 މިލިއަން ރުފިޔާ ދިން މައްސަލަ އެވެ. ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ދިން މައްސަލަ މާލިއްޔަތު ކޮމިޓީގައި ފެންމަތިވެގެން އައީ މިދިޔަ އަހަރު އެވެ.
މިހާރު އަޅުގަނޑު ގަބޫރާތުގައި އެ ސަރުކާރު މި ސަރުކާރު ވާހަކައެއް ދައްކާނެ ކަމެއް ނެތް.. ދެން ކޮރަޕްޝަނަކީ ކޮންމެ ސަރުކާރެއް ވެސް ކޮންމެވެސް މިވަރަކަށް އޮންނާނެ އެއްޗެއް އަބަދުވެސް އޮންނަ އެއްޗެއް އެއީ ނައްތާ ނުލެވެނެ އެހެންނަމަވެސް މި ސަރުކާރުގެ ތަފާތަކީ ކޮރަޕްޝަން ފެނުނީމާ ކޮރަޕްޓް މީހުންނާ ދޭތެރޭ މި ސަރުކާރު ވަނީ އަޅާފަ އެ ނޫންތޯ.. ފެންނަން އޮތް ކަމެއް އެއީ އެ ހަމަ އެގޮތަށް ފިޔަވަޅު އެޅިފައި ވަނީ.. ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މިހާރު ބަލަމުންދާ މައްސަލަތަކާއި މި ކަންކަމުގެ އަލީގައި ވެސް ހަމަ އިތުރު ކަންތައްތައް އަންނާނެ..
ނާޒިމް ވިދާޅުވި ގޮތުގައި އިމާރާތުގެ މައްސަލައިގައި ފާހަގަކުރެވުނު ކަންކަމުގެ މައުލޫމާތު ރިޕޯޓު ފުލުހުން ވަނީ ފޮނުވާފަ އެވެ. އަދި ތަހުގީގު ރިޕޯޓުން ދައްކާ ގޮތުން އެ ފައިސާގެ އެއްވެސް ރުފިޔާއެއް އެކައުންޓުގައި މިހާރު ނެތެވެ. އަދި އިމާރާތަށް ވެސް އެއްވެސް ހަރަދެއްކޮށްފައި ނެތްކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ފައިސާ ދައުރުވެފައިވާ ގޮތާއި، އެ ބޭރުވި ގޮތް ފުލުހުން ވަނީ ހޯދާފަ އެވެ.
މި އާސަންދަގައި މައިގަނޑު އެއް މައްސަލައަކީ މިއީ އަނެއް އޮފީސް ބިލްޑިންއެއް އަޅަން 40 މިލިއަން ރުފިޔާގެ މައްސަލަ.. އެ މައްސަލައިގެ ތަހުގީގު އަޕްޑޭޓްތައް ވެސް އަޅުގަނޑުމެންނަށް މިހާރު ވަނީ ލިބިފަ.. ޕޮލިހުން މަޖިލީހަށް ފޮނުވާފައި މިހާރު އޭގެ ތަހުގީގު ރިޕޯޓު ވެސް 40 މިލިއަން ރުފިޔާ އެންމެ ރުފިޔާއެއް ވެސް އެކައުންޓުގައި ނެތް ކަމަށް މިހާރު ވަނީ.. އަނެއްކާ އޭގެން އެންމެ ރުފިޔާއެއް ވެސް އެ ބިލްޑިންއަށް އަހަރަދު ނުކުރާ ކަމަށް ވަނީ.. އެހެންވީމާ އެ ވަން ގޮތަށް އޭތި ނިކުމެގެން ދިޔަ އެކައުންޓުތަކާއި އޭގެ ތަފުސީލުތަކާ އެއްޗެހި މިހާރު ފުލުހުން ވަނީ ހޯދާފަ.. އެހެންވީމާ އަޅުގަނޑުމެންނާ މަޢުލޫމާތު ލިބެން އެބަހުރި.. އެހެންވީމާ ދެން އޭގެ ވާހަކަ ދެކެވޭ ދުވަހު ވައްކަން ކުރި މި ހުންނަވާ، ވަގުނާ ދޭތެރޭގައި އަޅުގަނޑުމެން އަޅާނެ ގޮތެއް ނިންމާނެ
މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ތަކުރާރު ކުރައްވައި، ނާޒިމް ވިދާޅުވީ ފައިސާ ދައުރުވި ގޮތުގެ މައުލޫމާތު ފުލުހުން ހޯދާފައިވާކަމަށެވެ. އަދި އެކަމުގެ ރިޕޯޓު ލިބުންނާއި އެކު ”ވައްކަން ކުރި“ މީހުންނަށް ފިޔަވަޅު އެޅިގެން ދާނެކަމަށް ނާޒިމް ވިދާޅުވި އެވެ.
އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންޓްރެކްޓާސްއަށް 44 މިލިއަން ރުފިޔާއަށް މަޝްރޫއެއް ހަވާލުކޮށްގެން ފައިސާ ދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި މައްސަލައިގައި އާސަންދައިން ބުނެފައި ވަނީ އެ ޕްރޮޖެކްޓުގެ އެޑްވާންސަށް 44 މިލިއަން ރުފިޔާ ދައްކާފައިވާއިރު، ފައިސާ ބޭނުން ކުރި ގޮތުގެ ތަފްސީލަށް ތަކުރާރުކޮށް އެދުމުން ވެސް އެއްވެސް މައުލޫމާތެއް ކުންފުނިން ދީފައި ނުވާކަމަށެވެ.

