މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެފްޑީއޭ) އާއި ބޭރު ގައުމުތަކުގެ އުސޫލުތައް އޮންނަ ގޮތުން ވެސް އެ ބޭހެއް އެތެރެ ކުރުމުގެ ހުއްދަ ދެނީ އެ ރެޖިސްޓްރީ ކުރި ކުންފުންޏަށް އެކަނިކަމަށް ވާތީ ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ދިމާވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބޭސް ލިބުމުގެ ދަތިތައް ދިމާވެ ތަފާތު އެކި މައްސަލަތައް މިފަހުން ވަނީ ދިމާވާން ފަށާފަ އެވެ. އަދި ޑޮކްޓަރު ލިޔެދޭ ބޭސްތައް ނުލިބުމާއި، ބޭނުންވާ ބްރޭންޑު ނުލިބުން ނުވަތަ ބައެއް ބޭސްތައް އަވަހަށް ހުސްވާތީ އާންމުންގެ ކަންބޮޑުވުމާއި ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.
މި މައްސަލައިގައި އިޖްތިމާއީ ކޮމިޓީން މިއަދު ބައްދަލު ކުރީ އެސްޓީއޯ، އެންސްޕާ، އާސަންދަ އަދި ކަމާއި ބެހޭ އިދާރާތްތަކާއި އެވެ.
ބައްދަލުވުމުގައި ޝިމާދު ވިދާޅުވީ އާންމުކޮށް ބޭނުންވާ ހުރިހާ ބޭހެއް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ އެސްޓީއޯއަށް ނޯންނަ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ބޭސްތައް ރާއްޖެއަށް އެތެރެ ކުރަނީ އެންމެ ކުންފުންޏަކުން ބޭރުގެ ކުންފުންޏާއި އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށެވެ.
ޝިމާދު ވިދާޅުވީ ބޭހުގެ ބައެއް ދަތިތަކާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީއާއި އެކު ވެސް މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފައިވާނެ ކަމަށެވެ. ރާއްޖޭގައި މިވަގުތު ބޭހުގެ ދެ ލިސްޓެއް އޮތް އިރު ޝިމާދު ވިދާޅުވި ގޮތުގައި އެއީ އަސާސީ ބޭހުގެ އެސެންޝިއަލް މެޑިސިލް ލިސްޓާއި، އެޕްރޫވްޑް ޑްރަގް ލިސްޓެވެ. އެގޮތުން އަސާސީ ބޭސްތައް ހާއްސަކޮށް ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެކަން ފާހަގަކޮށް ވިދާޅުވީ އެ މަސައްކަތުގެ ދަށުން ނަތީޖާތަކެއް ހާސިލު ކުރެވިފައިވާނެކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯއިން ބުނި ގޮތުގައި އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދިޔައީ އަސާސީ ބޭސް ހަމަކުރުމެވެ. އެގޮތުން 500 އަށް ވުރެ ގިނަ ބޭސް އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭއިރު، އަދިވެސް ރާއްޖެއަށް އެއްވެސް މިންވަރަކަށް އެތެރެ ނުކުރެވޭ ބޭސްތައް އެބަހުރި ކަމަށެވެ. އެކަމުގައި އިތުރަށް ޑޮކްޓަރުންނާއި އެކު ވާހަކަ ދެކެވުނީ އެ ބޭސްތައް ބޭނުން ކުރާ މިންވަރާއި ބޭނުންވެދާނެ ހާލަތްތަކާއި ގުޅޭ ގޮތުންނެވެ. އެގޮތުން ޑޮކްޓަރުން ވެސް ފާހަގަކުރަނީ މިއީ ކުއްލި ހާލަތެއްގައި ބޭނުން ވެދާނެ ބޭސްތަކެއްގެ ގޮތުގައިކަމަށް ކޮމިޓީގައި އޮފިޝަލުން ފާހަގަކުރި އެވެ.
ޝިމާދު ވިދާޅުވީ އެސްޓީއޯއިން ރާއްޖެއަށް އެތެރެ ކުރަނީ ބޭނުންވާ މިންވަރުގެ ގާތްގަނޑަކަށް 30 އިންސައްތަ ބޭސް ކަމަށެވެ. އަދި އުސޫލު އޮންނަ ގޮތުން ނަމަ އަމިއްލަ ކުންފުންޏަކުން ބޭހެއް ރެޖިސްޓްރީ ކުރުމުން އެ ބަޔަކަށް އެކަނި އެ ބޭހެއް އެތެރެ ކުރެވުންކަމަށެވެ. އެ ހާލަތުގައި އެސްޓީއޯއަށް އެ ބޭސް ރާއްޖެއަށް އެތެރެ ކުރެވޭނެ ގޮތެއް ނޯންނާނެކަމަށް ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ ބޭހުގެ އެއްބަސްވުން ހަދާއިރު، ބޭރުގެ ގައުމުތަކުން ވެސް އެއްބަސްވުން އެއް ކުންފުންޏަކާއި އެކު ހެދުމަށް ފަހު އިތުރު ކުންފުންޏަކަށް ހުއްދައެއް ދޫ ނުކުރާނެ ކަމަށެވެ.
ދެން ރާއްޖޭގެ ބޭރު ކަންތައް މި ހަމަޖެހިފައި މި ހުންނަ އުސޫލަކީ އެއްވެސް ކުންފުންޏަކުން ނޫނީ އިމްޕޯޓާއެއް ބޭހެއް ރަޖިސްޓަރ ކޮށްފި ކަމަށްވަންޏާ އެ ބޭސް ދެން އިތުރެކުރެނީ ހަމައެކަނި އެ ފަރާތްތަށް… އެހެންވެގެން ނިޝާދު އެ ވިދާޅުވީ އަޅުގަނޑުމެން އެބަ ބަލަމޭ އެ ޖެނެރިކްގެ ކޮންމެސް އެހެން ބްރޭންޑެއް އެސްޓީއޯއިން ގެނެވޭތޯ
ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން ފައިސާ އިސްރާފުވުން ހުއްޓުވައި، ބޭސްފަރުވާގެ ސަޕްލައި ކަށަވަރު ކުރުމަށް ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅާފަ އެވެ.
ބޭހުގެ ދަތިތަކުގެ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާސަންދައިން ފޯރުކޮށްދޭ ބޭސްތަކަކީ އެކި ފިހާރަތަކުން އެކި އަގު ޖަހައިގެން ނަހަމަ އަގުގައި އޭގެން ވިޔަފާރިކޮށް ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނާނެކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ ފުރަތަމަ ކަމެއްގެ ގޮތުގައި ބޭހުގެ ބަލްކް ޕްރޮކިއަރމެންޓު މަސައްކަތްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ފެންވަރު ރަނގަޅު ބޭސް ގެންނަން ފެށިކަމަށާއި ޒަމާންވީ ބޭހުގެ ނަހަމަ ވިޔަފާރިއާއި ނިޒާމުގެ ތެރެއިން ކުރެވޭ އިސްރާފުތައް ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ވަކި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓެވިކަމަށެވެ.

