ރާއްޖެއިން ބޭރުގައި އުޅޭ ބޭންކު އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ކަސްޓަމަރުންނަށް 750 ޑޮލަރާއި ހަމަޔަށް ފައިސާ ނަގައި، ޕޭމަންޓު ހެދޭނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ޚިދުމަތްތަކަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ މިންވަރު އިތުރުކުރުމާއި، ބައެއް ކަހަލަ މުޢާމަލާތްތަކަށް އައު ޝަރުތުތަކެއް ކަނޑައެޅުން ހިމެނެއެވެ. އެގޮތުން، ރާއްޖެއިން ބޭރުގައި އުޅޭ ބީއެމްއެލްގެ ކަސްޓަމަރުންނަށް ޑެބިޓް ކާޑު ބޭނުންކޮށްގެން، އޭޓީއެމްއިން ނެގޭނެ ލިމިޓަކަށް 125 ޑޮލަރު ކަނޑައެޅިއެވެ.
އެހެންނަމަވެސް، ބައެއް ކަންބޮޑުވުންތައް ހުރުމުން ބީއެމްއެލްއިން ވަނީ އެ ނިންމުން ބަދަލުކޮށް، ބޭރުގައި އުޅޭ ކަސްތަމަރުންނަށް 750 ޑޮލަރާއި ހަމަޔަށް ފައިސާ ނަގައި، ޕޭމަންޓު ހެދޭނެކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ބީއެމްއެލްއިން މައުލޫމާތު ދެމުން ބުނެފައި ވަނީ، ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް، ކާޑުގެ ޑޮލަރު ލިމިޓު ބަދަލުކުރުމަށް ރަޖިސްޓަރ ކުރެވޭނެކަމަށެވެ.
މީގެއިތުރުން، ބީއެމްއެލްގެ ކާޑުގެ ހިދުމަތްތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކަނޑައަޅައިފައިވާ ޑޮލަރު ލިމިޓަށް ބަދަލެއް ނާންނާނެކަމަށްވެސް ބީއެމްއެލްއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން، މީގެކުރިންވެސް ބީއެމްއެލްއިން ކަނޑައަޅައިފައިވާ 1200 ޑޮލަރު ލިމިޓުގެ ދަށުން އޭޓީއެމްއިން ޑޮލަރު ނަގައި، ވިޔަފާރިކުރެވޭނެއެވެ. އަދި، އޭޓީއެމްއިން ޑޮލަރު ނެގުމުގައި އެއްވެސް ފީއެއް ނުނަގާނެކަމަށްވެސް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އަދި އިންޓާންޝިޕް ފުރިހަމަކުރާ ދަރިވަރުންނަށް ޑޮލަރު ލިމިޓް އިތުރުކުރުމަށްޓަކައި، ބީއެމްއެލްގެ ސްޓޫޑެންޓު ޕޯޓަލް މެދުވެރިކޮށް، ކާޑުގެ ޑޮލަރު ލިމިޓު ބަދަލުކުރުމަށް ރަޖިސްޓަރ ކުރެވޭނެކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
2025 ޖޫން 1 ވަނަ ދުވަހުން ފެށިގން، ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ޝޮޕިންގ ސައިޓްތަކުން ކުރެވޭ މުޢާމަލާތްތަކަށް 30 ޕަސެންޓާ ހަމައަށް ފީއެއް ނެގޭގޮތަށް ބީއެމްއެލްއިން ވަނީ ހަމަޖައްސައިފައެވެ. މީގެ ތެރޭގައި ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނެއެވެ. ނަމަވެސް، ޓިކެޓް ގަތުމާއި، ހޮޓާ ބުކިންގ އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ކުރެވޭ މުޢާމަލާތްތަކަށް މި ފީ ނުހިނގާނެއެވެ.
މި ބަދަލުތައް ބީއެމްއެލްއިން ގެނައިނަމަވެސް، ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ޝޮޕިންގ ސައިޓްތަކުން ކުރެވޭ މުއާމަލާތްތަކުގައި ބީއެމްއެލްގެ ކްރެޑިޓް ކާޑު، ޓްރެވެލް ކާޑު، ޔޫއެސްޑީ ޑެބިޓް ކާޑު އަދި ބިޒްނަސް ޑެބިޓް ކާޑު މެދުވެރިކޮށް، އެއްވެސް ފީއަަކާ ނުލައި ވިޔަފާރިކުރެވޭނެކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

