އެމްޑީޕީން ކުއްލި މައްސަލަ ހުށަހަޅަމުންދަނީ ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުމާއެކު މިދިޔަ ސަރުކާރަށް ފާޑުކިއުމުގެ ދޮރު ހުޅުވާލުމުގެ ގޮތުންކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، މި މައްސަލައަކީ މަޖިލީހުގެ ޤަވާއިދުގައި ކުއްލި މައްސަލައެއްގައި ފުރިހަމަވާން ޖެހޭ ޝަރުތުތައްވެސް ފުރިހަމަވާ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް މި މައްސަލަ ބަލައިގަތީ މިއީ ރައްޔިތުންނާ ނުހަނު ގުޅުން އޮތް މައްސަލައަކަށްވާތީ ކަމަށެވެ.
ފަލާހު ވިދާޅުވީ، ކުއްލި މައްސަލަ ހުށަހެޅިއިރު މި މައްސަލައިގެ ޙަގީގަތްވެސް އޮޅޭގޮތަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު މަސްވެރި އާއިލާތަކަށް ނުދީ ހުރި ފައިސާގެ އަދަދު 250 މިލިއަން ރުފިޔާއަށް އަރާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް މި ސަރުކާރުން އެ ފައިސާ ދީފައިވާ ކަމަށާއި، މިއީ މަސްވެރި އާއިލާތަކަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އެހެންކަމުން އެމްޑީޕީއަށް މިފަދަ މައްސަލައެއް ހުށަހަޅަން ކެރުނީތީވެސް ހައިރާންވާކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީއަކީ މިހާތަނަށް މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އެންމެ ބޮޑު ގެއްލުމެއް ދީފައިވާ ޕާޓީކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައަކީ އެމްޑީޕީގެ މެމްބަރެއްގެ އަމިއްލަ މަސްލަޙަތާ ގުޅުން އޮތް މައްސަލައެއްކަމަށްވެސް ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި މައްސަލައަކީ އެމްޑީޕީ ބައިބައިވެފައި އޮތުމުގެ ސަބަބުން އެ ޕާޓީގެ އަމިއްލަ ސަރުކާރުތަކަށް އެއްޗެހި ކިއުމުގެ މަގުފަހި ކުރުވުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަމަށްވެސް ބެލެވޭ ކަމަށެވެ.
ހަތަރު ބަޔަށް ރިޔާސީ ކެންޑިޑޭޓުން ބައި އަޅައިގެން ކެމްޕޭނު ކުރަމުންދާ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ ވަގުތު ނަގާލުމަށް މިފަދަ މައްސަލަތައް ހުށަނާޅުއްވާށޭ
މެމްބަރު ފަލާހު ވަނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

